އެލްޖީއޭގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

މާޗު 23، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ކަމަށެވެ.

އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށްކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެން ޖެހެ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކު ވެސް ހިމެނެން ޖެހޭނެ އެވެ.

އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސީއީއޯ އެކެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގާނަމަ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ނުވަތަ ގާނޫނުގައި ކުރުން މަނާ ކަމަށް ބުނެފައިވާ ކަމެއް ކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ހިމެނެ އެވެ. ފިޔަވަޅުތަކުގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރި ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް