އިޒްރާއިލް ކުށްވެރިކޮށް، އޯއައިސީގެ ގަރާރު ރާއްޖެއިން ބަލައިގަނެފި

އިޒްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ގަރާރު ރާއްޖެ އިން ބަލައިގަނެފި އެވެ.

އެ ހަމަލާތައް ކުށްވެރިކޮށް އޯއައިސީގެ ގައުމުތަކުން މިއަދު ވަނީ ވާޗުއަލް ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރި ކުރާ ކަމަށެވެ.

ޝެއިހް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަގްސާ ގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ހަމަލާދިނުމާއި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެވިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމްކުރުން ކަމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ބަލައިގަނެގެންކަމަށެވެ.

ރާއްޖޭގެ އިތުރުން އޯއައިސީގެ ހުރިހާ މެންބަރު ގައުމަކުންވެސް ވަނީ އިސްރާއިލުގެ އަމަލުތައް ކުށްވެރިކުރާ އެ ގަރާރު ބަލައިގެންފަ އެވެ،

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 149 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި 41 ކުޑަކުދިން ހިމެނެ އެވެ. އަދި 950 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

comment ކޮމެންޓް