މިޔަންމާގައި ހައްޔަރުކުރި ޖަޕާނުގެ ނޫސްވެރިޔާ މިނިވަންކުރަން ނިންމައިފި

މިޔަންމާގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް މީހުން ދަނީ މުޒާހަރާ ކުރަމުން --- ފޮޓޯ: އޭއެފްޕީ

މިޔަންމާގައި ހައްޔަރުކޮށް، ދޮގު ހަބަރު ފަތުރާކަމުގެ ދައުވާ އުފުލި ޖަޕާނުގެ ނޫސްވެރިޔާ ދޫކޮށްލަން ނިންމާފައިވާކަމަށް މިޔަންމާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

ޖަޕާނަށް ނިސްބަތްވާ ނޫސްވެރިޔާ ޔޫކީ ކިޓަޒުމީ މިޔަންމާގައި ހައްޔަރުކުރީ މިިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު، އޭނާ ޔެންގޮންގައި ދިރިއުޅޭ ގެ ފުލުހުން ރެއިޑުކުރުމަށްފަހުއެވެ. އޭނާއަކީ މިޔަންމާގައި ހުރެގެން، އެގައުމުގެ ކަންކަން ޖަޕާނުގެ ބޮޑެތި ނިއުސް އައުޓްލެޓްތަކަށް ރިޕޯޓުކޮށްދޭ ފްރީލާންސް ނޫސްވެރިއެކެވެ.

މިއީ މިޔަންމާގެ ވެރިކަން މި ފަހުން އަސްކަރީ ބަގާވާތަކުން ވައްޓާލައި އެގައުމުގެ ވެރިކަމާ އަސްކަރިއްޔާއިން ހަވާލުވި ފަހުން އެގައުމުގެ 80 އެއްހާ ނޫސްވެރިންނާއި ބައެއް ބޭރުގެ ނޫސްވެރިން، އެމީހުންގެ ނޫސްވެރިކަމާ ގުޅިގެން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން 50 އެއްހާ ނޫސްވެރިން އަދިވެސް ބަންދުގައި ތިބި އިރު، 25 ނޫސްވެރިއަކަށް ވަނީ ދައުވާ ކޮށްފައެވެ.

ނަމަވެސް ޖަޕާނުގެ ޔޫކީ ކިޓަޒުމީއަކީ މިފަހުން ދައުވާކުރި ފުރަތަމަ ބޭރުގެ ނޫސްވެރިޔާއެވެ. އޭނާގެ މައްޗަށް ދޮގު ހަބަރު ފެތުރިކަމުގެ ދައުވާ ސާބިތުވި ނަމަ ތިން އަހަރާ ހަމައަށް ޖަލުގައި ހޭދަކުރުމުގެ އަދަބެއް މިޔަންމާގެ ކޯޓުތަކުން ކަނޑައެޅީހެވެ.

މިޔަންމާގައި ހައްޔަރުކުރި ޖަޕާނު ނޫސްވެރިޔާ ޔޫކީ ކިޓަޒޫމީ -- ފޮޓޯ/ ރޮއިޓާސް

މިޔަންމާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި ޔޫކީ ކިޓަޒޫމީ މިޔަންމާގައި ގާނޫނާ ހިލާފުވި ނަމަވެސް އޭނާ ދޫކޮށްލުމަށް ސަރުކާރުން ނިންމީ އޭނާ ދޫކޮށްލުމަށް ޖަޕާނު ސަރުކާރުން ކެނޑިނޭޅި އެދެމުން ދިއުމުންނެވެ. އަދި ޖަޕާނުގެ ނޫސްވެރިޔާ ދޫކޮށްލުމަކީ ޖަޕާނާ މިޔަންމާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް މިޔަންމާގެ ދައުލަތުގެ މީޑިއާ، އެމްއާރުޓީވީން ބުންޏެވެ.

މިޔަންމާގައި ހިނގި އަސްކަރީ ބަގާވާތުގެ އިތުރުން އެއާ ގުޅިގެން ފެށި މުޒާހަރާތަކާއި މަރުތަކުގެ ޚަބަރުތައް ޖަޕާނުގެ ނޫސްތަކަށާއި ޓީވީތަކަށް ކަވަރުކޮށްދިނުމުގެ އިތުރުން ކިޓަޒޫމީ ގެންދިޔައީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް މިޔަންމާގެ ހާލަތާއި އެ ހާލަތުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ކުރަމުންދާ އަސަރުތަކުގެ ވާހަކަތައް ޕޯސްޓު ކުރަމުންނެވެ.

comment ކޮމެންޓް