ހިޔާނާތް ބެލުން އަވަސްކޮށް، ފިޔަވަޅު އަޅާނަން: ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތް ބަލާ އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގު އަވަސްކޮށް، އެ ތަހިގީގުން ސާބިތުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ 282 މީހުންގެ ލިސްޓު އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ރައީސް އިތުރު ފިޔަވަޅެއް ނާޅާތޯ "ސަން"އިން ސުވާލު ކުރުމުން، ރައީސް ސޯލިހާ ހަވާލާދީ، އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، ވިހާވެސް އަވަހަކަށް އެ ތަހުގީގު އަވަސްކޮށް، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމަށެވެ.

"ރައީސް ވިދާޅުވެފައިވޭ، ކޮމިޝަންގެ ތަހުގީގުން ސާބިތުވާނަމަ، ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތަކާ މެދު އެއްވެސް ފަސް ޖެހުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް. އަދި އެ ތަހުގީގު އަވަސް ކުރުމަށް ރައީސް ވަރަށް ބޮޑަށް ބާރު އަޅުއްވާ،" ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރުވެސް ކޮމިޝަނުން އެ ތަހުގީގާ ގުޅޭ ގޮތުން ރައީސްއާ ގަވައިދުން އެކަމާ ގުޅޭގޮތުން ތަފްސީލު ހަމަކުރައްވަމުން ގެންދަވާކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ކޮމިޝަންގެ މަސައްކަތްތައް ލަސްވާތީ ރައީސް ސޯލިހް ކަންބޮޑުވުން ފާޅުކުރައްވަ އެވެ.

މިދިޔަ ސަރުކާރުގައި ހިންގި ހިޔާނާތުގެ މައްސަލަ ބަލައި، އެ ފައިސާ ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ސަރުކާރަށް ދެއަހަރާ ބައިވީރު، އަދިވެސް އެ މައްސަލަ އޮތީ ކޮޅެއްގައި ނުޖެހި އެވެ.

ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ ދުވަހު ހިޔާނާތުގެ މައްސަލަ ބެލުމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން 282 ނަމައެކު މަޖިލީހަށް ފޮނުވި ލިސްޓުގައި އަދިވެސް ގިނަ މީހުންގެ ބަޔާންތައް އޮތީ ނުނަގަ އެވެ. މިވީހާތަނަށް ބައެއްގެ ބަޔާނެއް ނެތި، އެފަދަ ލިސްޓެއް އާންމު ކުރުމުން ލިސްޓުގައި ނަން ތިބި ބައެއް ފާރާތްތަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި އެ ލިސްޓު ނެރުމުގެ އެއް ދުވަސް ކުރިންވެސް ފައިސާ ލިބުނު މީހުން ކަމަށް ބުނެ، ލިސްޓެއް އާންމުވި އެވެ. ނަމަވެސް ދައުރުވަމުން ދިޔައީ ފޭކް ލިސްޓެއް ކަމަށް މަޖިލީހުން ބުނެ އެވެ.

ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ރޭ "ސަން"އަށް ވިދާޅުވީ، މަޖިލީހުން އާންމު ކުރި ލިސްޓަކީ އެ ކޮމިޝަނުން އެކުލަވާލި ސައްހަ ލިސްޓެއް ކަމަށެވެ. އަދި އެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި ކުއްވެރިން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުން އާންމު ކުރި ލިސްޓުގައި ތިބި ފަރާތްތަކުގެ ތެރެއިން 119 މީހުންނަކީ، ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި މިހާރު ވެސް މަގާމުތަކުގައި ތިބި މީހުންނެވެ. އޭގެ ތެރޭގައި މިހާރުގެ މަޖިލިސް މެމްބަރުންނާއި މިދިޔަ ދައުރުގެ މަޖިލިސް މެމްބަރުންނާއި އެ ސަރުކާރާއި މިސަރުކާރުގެ ވަޒީރުންވެސް ހިމެނެ އެވެ.

comment ކޮމެންޓް