މޯލްޑިވްސް މާކެޓިން އެންޑް ބަޕްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިފައި ނޯންނާނެ ކަމަށާއި އެފަދަ މަައްސަލައެއް ހުށަހެޅިފައިވާ ނަމަ އެކަން އަންގަވައި، އަވަހަށް ބައްލަވައި ދެއްވުމަށް އެދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އެސެޓްސް ރިކަވަރީ ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ނަޝީދު މިރޭ "ސަން" އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް އެ މަނިކުފާނަށް ލިބިވަޑައިގެންފައި ނޯންނާނެ ކަމަށާއި އަދި އެކަމުން ލިބުނު މަންފާއެއް ވެސް ނޯނާނެ ކަމަށެވެ.
އަދި "އެކަމުގައި ޝާމިލުވާ މީހަކާ އެކު ފައިސާގެ އެއްވެސް މުއާމަލާތެއް" ހިންގާފައި ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "ތުހުމަތު ކުރެވިގެން މި އުޅެނީ ކޮން ކަމަކާ ގުޅިގެން ކަމެއް ވެސް އެއްވެސް ފަރާތަކުން އަންގަވާފައެއް ވެސް ނެތް [އަދި] ސުވާލެއްކޮށް، ހާޒިރުކޮށްފައެއް ވެސް ނެތް" ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެސެޓްސް ރިކަވަރީ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބެލުމުން އޭނާގެ ޝާމިލުވުމެއް، ބައިވެރިވުމެއް ނެތްކަން ސާފުވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ކުރިން އިންފޮމޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ނަޝީދު އެސެޓްސް ރިކަވަރީ ކޮމިޝަނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން އިއްޔެ ނެރުނު ރިޕޯޓްގައި 'ޕާސަން އޮފް އިންޓަރެސްޓް'އެއްގެ ގޮތުގައި އޭނާގެ ނަން ހިމެނުމަށް ފަހު، މައްސަލަ ގޮސްފައިވާ ހިސާބު ކަމަށް ލިއުއްވާފައި ވަނީ 'އިންފޮމޭޝަން ކަލެކްޝަން' ކަމަށާއި އެހެން ކަމާ އެކު، އޭނާގެ ފަރާތުން ބޭނުންވާ މައުލޫމާތެއް "ވީ އެންމެ އަވަހަކަށް ތިޔަ ކޮމިޝަނަށް ސާފުކޮށްްދިނުމަށް ބޭނުންވާ" ކަމަށެވެ.