އެމްއެމްޕީއާރިސީގެ 3.4 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައަކީ މިފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ އެވެ. އެފައިސާއަށް ހިޔާނާތްތެރިވީ ކަމާއި އެފައިސާ އެކިއެކި މީހުންނަށް ބެހި ކަމަށް އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ. ހުކުމްވެސް ދަނީ ތަންފީޒު ކުރައްވަމުންނެވެ. އެފައިސާ ދިން ކަމަށް އަދީބު ވިދާޅުވާ ބައެއް މީހުންވެސް ހިމެނޭ ގޮތަށް ހިޔާނާތް ބަލާ ކޮމިޝަނުން ތައްޔާރު ކުރި ލިސްޓެއް މަޖިލީހުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. މަޖިލީހުން ލިސްޓު އާންމު ކުރުމާއެކު އެ ފައިސާ ފެނުން ކަމަށްވެސް އެމީހުންނަށް ނުވި އެވެ.
ލިސްޓަށް ބަލާއިރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އޭރު ކެބިނެޓުގެ ގިނަ ވަޒީރުންތަކެއްގެ ނަންތައް ވަނީ ހިމަނައިފަ އެވެ. އަދި އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް ޕީޕީއެމް މަޖިލިސް މެމްބަރުންވެސް ލިސްޓުގައި ބޯކޮށް އެތެވެ. އަދި އޭރުގެ ސްޓޭޓް މިނިސްޓަރު ލެވަލުން ފެށިގެންވެސް ގިނަބައެއްގެ ނަން ވަނީ ލިސްޓަށް އަރާފަ އެވެ. އެމީހުންނަށް އަދީބު ހިޔާނާތުގެ ފައިސާ ދެއްވަންވީ ކިތަންމެ ސަބަބުތަކެއް ވިސްނާލީމާ ފެންނަން އެބަހުއްޓެވެ. ޕީޕީއެމްގެ އޭރުގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި އަދީބާ ދެމެދު އޮތީ ގާތް ގުޅުމެކެވެ. ކޭކްތައް ފަޅާފައި އަމިއްލަ އަތުން އަދީބަށް ލަވައިދިން މެމްބަރުންނާއި ވަޒީރުން ނުހަނު ގިނަ އެވެ. އިންތިހާއަށް އަދީބަށް އެދުވަހު އެމީހުން ތައުރީފު ކުރީ ޝަކުއް ނުކުރެވޭ މިންވަރަކަށްވެސް ނޫނެވެ.
އެހެންނަމަވެސް ކަމެއް ސާބިތު ކުރަންޏާ ހެއްކާ ގަރީނާވެސް ބޭނުންވާނެ އެވެ. ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ލިސްޓަށް ބަލާއިރު އެއަކުން މާބޮޑު ހެއްކެއް ނުފެނެ އެވެ. ގިނަ ނަންނަމާ ދިމާލުގައި މައުލޫމާތު އެއްކުރުމުގެ މަރުހަލާ ކަމަށް ޖަހާފައިވާއިރު ލިސްޓުގައި ނަން ހިމަނާފައިވާ ގިނަ މީހުންނާއި ހިޔާނާތް ކޮމިޝަނުން ސުވާލުކޮށްފައެއް ވެސް ނެތެވެ. އެމީހުން ދަނީ ފާޅުގައި އެހެން ބުނަމުންނެވެ. އަދި އެ ނަންތަކާއި ގުޅިގެން އަދީބާވެސް ސުވާލުކޮށް ނުނިމޭކަން ވަނީ އެނގިފަ އެވެ.
އިދިކޮޅު ލީޑަރެއްގެ ގޮތުގައި އުޅުއްވާ އޭރުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅުވެސް 281 މީހަކު ހިމެނޭ އެ ލިސްޓުގައި ހިމަނާފައިވެ އެވެ. އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ހިޔާނާތް ކޮމިޝަނުން އަދުރޭއާ ސުވާލު ވެސް ކުރި އެވެ. އެކަމަކު އަދުރޭވެސް ވިދާޅުވަނީ އެ ލިސްޓުގައި ނަން ހިމެނީ އަބުރު ކަތިލުމަށް ކަމަށެވެ. ލިސްޓުގައިވާ ގޮތުން އަދުރޭގެ މައްޗަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދަނީ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަންފޮޓޯ/ ފަޔާޒު މޫސާ
"އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ލިސްޓުގައި އަޅުގަނޑުގެ ނަން ހިމަނާފައި ވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި. އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ. މަތިއްމައްޗަށް ލިސްޓުތަކުގައި ނަން ޖެހިޔަސް ފަހަތަށް ޖެހުމެއް ނެތް. މިހުރީ ވަރަށް ސާބިތުކަމާއެކު ތުހުމަތަށް ޖަވާބުދާރީވުމަށް ތައްޔާރަށް." އަދީބާ ގާތް ގުޅުމެއް އޮތް އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް މިހާރުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވިދާޅުވަނީ އޭނާގެ ނަން ހިޔާނާތުގެ ލިސްޓުގައި ހިމަނާފައި ވަނީ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް އޭނާ މަސައްކަތް ކުރާތީ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާގޮތަށް އަދީބު ބަޔާން ދެއްވާފައި ވަނީ ގޭގައި ހުންނަވަައިގެން ހުކުމް ތަންފީޒު ކުރެއްވުމުގެ ބޭނުމުގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އާއިލާ ރައްޓެހިން އަދި އަޅުގަނޑުގެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އިތުރުން ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ އަޅުގަނޑު ސިޔާސީ ދާއިރާއަށް އައީ އިހުލާސްތެރި ކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ފަސްބައި ސާފު މީހެއްގެ ގޮތުގައި ކަމާއި އަދި އަޅުގަނޑު ސިޠާސީ ހަޔާތް ﷲގެ އިރާދަފުޅުން ނިންމާނީވެސް އެގޮތުގައި ދެމިހުރެގެން ކަން." ހިޔާނާތުގެ ފައިސާގައި ނުޖެހޭކަން ސާބިތުކޮށް ދިނުމަށް ޝިޔާމް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންވެސް ވަނީ ޓްވީޓެއް ކުރައްވާ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ވަގުތުން ދެކޮޅު ހައްދަވާފަ އެވެ. ވިދާޅުވީ އެއީ "ބުހުތާނު ދޮގު" ކަމަށެވެ. ތަހުގީގެއް ނުކޮށް ހެއްކަކަށް ބެލުމެއް ނެތި ލިސްޓެއް ހަދާ އަބުރު ކަތިލެވިދާނެ ކަމަށް އޭނާ ވިދާޅުވި. އެވެ. ހަމަ ބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯވެސް ޣައްސާން އެއްސެވި އެވެ.
"އެވެސް ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފައި." ޣައްސާނު ވިދާޅުވި އެވެ.
ހިޔާނާތް ކޮމިޝަނަށް ދެ އަހަރު، އަދިވެސް މައުލޫމާތު އެއްކުރަނީ
މަރުތަކާއި ހިޔާނާތުގެ މައްސަލަތައް ބަލަން ކޮމިޝަނެއް އެކުލަވާލިތާ ތިން އަހަރާއި ގާތްވާން ދަނީ އެވެ. އެކަމަކު އަދިވެސް އެ ކޮމިޝަނުން ކުރި ތަހުގީގަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ދައުވާ ކޮށްފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ އާންމު ކުރި ލިސްޓުން އެނގޭ ގޮތުން އެމީހުން މާބޮޑު މަސައްކަތެއްވެސް ކޮށްފައި ނެތެވެ. ގިނަ މީހުންގެ ނަމާ ދިމާލުގައި ތަހުގީގަށް މައުލޫމާތު އެއްކުރުން ޖަހާފައިވާއިރު ލިސްޓުގައި ނަން އޮތް ގިނަ މީހުން ބުނާގޮތުން ލިސްޓުގައި ނަން އޮތަސް އެމީހުންނާ ސުވާލުވެސް ކޮށްލާފައި ނެތެވެ. ތަހުގީގެއްގެ އަދި ޝަރީއަތެއްގެ ވިޔަސް މައިގަނޑު މަފްހޫމަކީ ތުހުމަތު ކުރެވޭ މީހާއަށް ދިފާއުވާން ފުރުސަތު ދިނުމެވެ. އެމީހުންނާ ސުވާލު ކުރެވި އެކަމާ ގުޅޭ ގޮތުން އެމީހުންގެ ބަޔާން ނުނެގޭ ހާލު ލިސްޓެއްގައި ނަން ޖަހާލުމަކީ ކަންބޮޑުވުމެކެވެ.
ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބެލި ކޮމިޓީގެ މެމްބަރުންވެސް ގަބޫލު ކުރައްވާ ގޮތުން ހިޔާނާތް ކޮމިޝަނަށް އެކަށީގެންވާ ގޮތަށް މަސައްކަތް ކުރެވިފައެއް ނެތެވެ.
"އަޅުގަނޑުމެން ކޮމިޓީގެ ތަހުގީގު މަރުހަލާގައި އެ ކޮމިޝަނުގެ މެމްބަރުން ހާޒިރު ކުރެވި ސުވާލު ކުރެވުނު. ލަސްވަނީ ކިއްވެތޯ ސުވާލު ކުރުމުން އެބޭފުޅުން އެބަ ވިދާޅުވޭ ކޮވިޑްގެ ހާލަތުވީމައޭ. ބަޔާން ނަގަން ގުޅާއިރު ކުރަންޓީނުގައޭ އައިސޮލޭޝަންގައޭ. މިކަހަލަ ވާހަކަތަކެއް ދައްކަވަނީ." ޖުޑިޝަރީ ކޮމިޓީއާ 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މެމްބަރަކު ސަން އަށް ވިދާޅުވި އެވެ.
ލިސްޓުގައި 281 ނަމުގެ ތެރެއިން މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި 176 މީހެއްގެ ނަން އޮތް ކަމަށް މަޖިލީހުން އިއްޔެ އާންމު ކުރި ރިޕޯޓުން ދައްކަ އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް
ލިސްޓުގައި ނަން ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ދިފާއުވުމުގެ އެއްވެސް ފުރުސަތެއް ނުދީ އެމްއެމްޕީއާރުސީ ހިޔާނާތް ލިސްޓު ކަމަށް ބުނެ މަޖިލީހުން ލިސްޓެއް އާންމު ކުރުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށެވެ.
"އެއްވެސް ޒިންމާދާރު ކަމެއް ނެތި ހަމަ ހޭވެސް އަހާލުމެއް ނެތި އަދި ދިފާއު ވުމުގެ ފުރުސަތުވެސް ނުދީ ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ކަމަށް ބުނެ ލިސްޓެއް އާންމުކޮށް މީޙުންގެ އަބުރު ކަތިލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ދަށު ދަރަޖައިގެ އަމަލެއް. މައުސޫމު ކިތަންމެ މީހުންނެއްގެ ފޮޓޯ އާއި ނަން އެ ލިސްޓުގައި އެބައޮތްކަން ހަަމަ ޔަގީން. ހަމަ ގައިމުވެސް އަޅުގަނޑޫ އެމްއެމްޕީއާރުސީ ގެ ހިޔާނާތުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައެއް ނޯންނާނެ." އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ވާހަކައިގައިވެސް ހަގީގަތެއްވެ އެވެ. ލިސްޓުގައި ނަން ހިމެނޭ ބައެއް މީހުންނަކީ ވަކި މީހަކަށް ހަވާލު ކުރުމަށް އަދީބު ފޮނުވި ފައިސާ އެމީހަކު ބުނެގެން ހަވާލުވި މީހުންނެވެ. ދަބަސް ދަބަހުގައި ފައިސާ ދީ ހަވާލުކުރަން ބުނިއިރު އެމީހުންނަށް ދަބަހުގައި ހުރީ ފައިސާކަންވެސް ނޭންގޭ ކިތަންމެ ބައެއް ނަން ލިސްޓުގައި އެބައޮތެވެ.
މިއީ ބޮޑު ހިޔާނާތެކެވެ. ރައްޔިތުންގެ އެތައް ބައިވަރު ފައިސާއެއް ވަގަށް ނެގީ އެވެ. އެކަން ޖޯކަކަށް ވުމުގެ ކުރިން ސީރިއަސްކޮށް އެ މަސައްކަތް ކުރަން އެބަޖެހެ އެވެ. ބައެއް ބޭފުޅުން ދެކޭގޮތުން އެ ތަހުގީގު އެންމެ މިނިވަންކޮށް ދިވެހިންނަކަށް ނުކުރެވޭނެ އެވެ. ބޭރުގެ ބަޔަކާ އެކަން ހަވާލުކުރަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެތައް ފަހަރެއްގެ މަތިން އެފައިސާ ހޯދަން ބޭރު ބަޔަކާ ހަވާލު ކުރުމުގެ ލަފާ ދެއްވާފަ އެވެ.
ވައްކަން ކޮށްފި އެވެ. އެހެންވީމާ ލާރި ކޭ ބަޔަކުވެސް ތިބޭނެ އެވެ. އެ މީހުން ހޯދޭނީ ސުވާލުކޮށްގެންނެވެ. ތަހުގީގުކޮށްގެންނެވެ. ހަމަ އެކަނި މައުލޫމާތު އެއްކޮށްލައި އެއްކޮށްލައި ތިބުމަކުން ނުވާނެ އެވެ. އަދި އެއްކުރި މައުލޫމާތެއްވެސް ފެންނަން އޮތީކީ ނޫނެވެ. އާންމުކޮށް ބުނެފައިވަނީ މުހައްމަދު ހުސައިން (އޮއިއްޓޭ) މިވެނި މީހަކަށް ފައިސާދިން ވާހަކަ ބުންޏޭ އެވެ. އެއީ ހަމަޖެހޭ ގޮތް ނޫން ކަމަށް އެންމެންވެސް ގަބޫލު ކުރާނެ އެވެ. ފުރިހަމަ ތަހުގީގަކަށް އޮއިއްޓޭގެ ބަޔާނުން ބޭރަށް ފީނަން ޖެހެ އެވެ.