އެންމެ ބޮޑު އިސްކަމެއް ދެނީ ހަމަލާ ތަހުގީގުކުރަން، ބޭރުގެ އެހީ ހޯދާނަން: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގ. ކެނެރީގޭ ސަރަހައްދުގައި މިރޭ އެއްޗެއް ގޮއްވާލައި ދިން ހަމަލާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަނިޔާވެފައި ވާއިރު، ފުލުހުން އެންމެ އިސްކަމެއްދޭ މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ގޮވުމުގައި އެމަނިކުފާނަށް އަނިޔާވެ އޭޑިކޭގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.

ހޯމް މިނިސްޓަރު މިރޭ 'ސަން' އަށް ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅުގައި އެކިވަރުގެ ޒަހަމްތައް ހުރި ނަމަވެސް، ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ލާއިންސާނީ އަދި އިސްލާމީ ހަމަތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ގެއްލިގެންދާ ފަދަ ގޮތަކަށް އެއްވެސް ފަރުދަކު މިފަދަ ގޮތަކަށް ހަމަލާ ދިނުމަކީ ވަރަށް ފިނޑި އަމަލެއް،" އިމްރާން ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް ދައުލަތުގެ އެންމެ އިސް ވެރިންނަށް އަމާޒުކޮށް، ރަމަޟާން މަހުގެ ބަރަކާތްތެރި ރޭތަކުގެ ތެރެއިން ރެޔެއްގައި މިފަދަ ހަމަލާއެއް ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ފުލުހުން އެންމެ އިސްކަމެއް ދީގެން ބަލަމުން އަންނަނީ މި މައްސަލަ ކަމަށާއި، އެކަމުގައި ޝާމިލުވާ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރާ ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަން މިކަމުގައި ހޯދާނަން. މިކަން ކުރި ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އިންސިޑެންޓުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

comment ކޮމެންޓް