ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލައި މިރޭ ހަމަލާއެއް ދިނީ އެމަނިކުފާނުގެ ފުރާނަ ދުއްވާލަން ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
'ރާއްޖެ ޓީވީ' އަށް ދިން އިންޓަވިއުއެއްގައި އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މިރޭ ދިން ހަމަލާއެއްގައި އެމަނިކުފާނަށް އަނިޔާވީ ކަމަށް އެމްޑީޕީން ގަބޫލުނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީ އިން ދެކެނީ މީ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް،" ހަސަން ލަތީފު ވިދާޅުވި އެވެ.
އެމްޑީޕީ އިން ވެސް ބުނީ އެހަމަލާއަކީ ސީދާ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށް ގަބޫލުުރާ ކަމަށެވެ.
އެމްޑީޕީ އިން ވަނީ އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
"މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިޕާޓީން ގޮވާލަމެވެ."
މިރޭ މަޖިލިސް ރައީސް ދިރިއުޅުއްވާ ގ. ކެނެރީގޭ ބޭރުގައި އެއްޗެސް ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އަދި އެ ގޮވުމުގެ ސަބަބުން އެމަނިކުފާނަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.