ވެކްސިން ޖެހުމުގެ ކާމިޔާބަށް ފަހުވެސް ސީޝެލްސްގައި ކޭސްތައް ގިނަވާތީ ހަރުކަށި ފިޔަވަޅު

ސީޝެލްސްގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުން އެގައުމުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ނިންމާފަ -- ފޮޓޯ: ގެޓީ

ވިކްޓޯރިއާ (މެއި 6): އާބާދީގެ 60 ޕަސެންޓަށް ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ސީޝެލްސްގައި ބަލީގެ ކޭސްތައް އިތުރުވުމާ ގުޅިގެން އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

ސީޝެލްސްގައި މިހާރު ބަލިޖެހިފައި ތިބި 1،000 ވަރަކަށް މީހުން ތިބި އިރު އެގައުމުން މިދިޔަ ހަފްތާގައި ތިން ދުވަސް ތެރޭ 497 ކޭސް ފެނިފައިވެ އެވެ. އަދި އަލަށް ފެންނަ ކޭސްތައް އިތުރުވުމުން ހޮސްޕިޓަލްގައި އެޑްމިޓު ކުރަން ޖެހޭ މީހުންވެސް ގިނަވެ، އެގައުމުގައި ކޮވިޑުގެ ފަރުވާއަށް ހާއްސަކޮށްފައިވާ މައި ސެންޓަރު މިހާރު ފުރިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ސީޝެލްސް ނިއުސް އޭޖެންސީން ރިޕޯޓު ކުރި ގޮތުގައި އެގައުމުގެ އެކްޓިވް ކޭސްތަކުގެ ތެރެއިން 65 ޕަސެންޓަކީ ވެކްސިން ނުޖަހާ ނުވަތަ އެއްމެ ޑޯޒްއެއް ޖަހާފައިވާ މީހުންނެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 84 ޕަސެންޓަކީ ގައުމުގެ ރައްޔިތުން ކަމަށާއި ބާކީ 16 ޕަސެންޓަކީ ބޭރު މީހުން ކަމަށެވެ.

"އަޅުގަނޑުމެންގެ އާދަޔާ ހިލާފު ކާމިޔާބީއާ އެކުވެސް، މިގައުމުން ކޮންމެ ދުވަހަކު ފެންނަ ކޭސްތައް މިދިޔަ ހަފްތާގައި ވަނީ އިތުރުވެފަ އަދި ހާލަތު ވަނީ ސީރިއަސްވެފަ،" ހެލްތު މިނިސްޓްރީން ބުންޏެވެ.

ސީޝެލްސްގެ އާ ފިޔަވަޅުތަކުގެ ދަށުން ދެ ހަފްތާއަށް ސްކޫލްތައް ބަންދުކޮށް ކުޅިވަރު ހަރަކާތްތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ރެސްޓޯރެންޓުތަކާއި ފިހާރަތައް ކުރިއަށް ވުރެ އަވަހަށް ބަންދު ކުރަން އަންގާ ބައެއް ތަންތަނަށް ގިނަ އަދަދެއްގެ މީހުން އެއްވުން ވަނީ މަނާކޮށްފަ އެވެ.

މިދިޔަ މާޗް މަހުގެ 25ގައި ސީޝެލްސްއިން ވަނީ ކޮވިޑް ވެކްސިން ނުޖެހިޔަސް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އެގައުމު ފަތުރުވެރިންނަށް ހުޅުވާލާފަ އެވެ. އަދި ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް އިންޑިއާއިންވެސް ދަތުރު ކުރެވޭ ގޮތަށް މީގެ ކުރިން އޮތް ނަމަވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން އިންޑިއާއިން އެގައުމަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށި ސީޝެލްސްއިން ބޭނުންކޮށްފައި ވަނީ ޗައިނާގެ ސައިނޯފާމް ވެކްސިން އާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އެވެ. އޭގެ ތެރެއިން މިދިޔަ މަހުގެ މެދުތެރެޔާ ހަމަޔަށް ޖަހާފައިވާ ވެކްސިން ޑޯޒްތަކުގެ 60 ޕަސެންޓަކީ ސައިނޯފާމް ކަމަށް ބްލޫމްބާގް ނޫހުން ރިޕޯޓު ކުރި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް