ކޮވިޑް ކޭސްތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާކުރަން އެބަ މަޝްވަރާކުރަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް 19 އިގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ކޭސްތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާ ކުރަމުން ދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އަށް އިއްޔެ އެކަނިވެސް ވަނީ ރާއްޖެއިން 508 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 276 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް ކޭސްތަކުގެ އަދަދު "އިންތިހާއަށް މަތިވަމުން ދިއުމީ ކަންބޮޑުވާ ކަމެއް" ކަމަށެވެ.

"ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަދިވެސް އިލްތިމާސްކުރަން. ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަން." ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައިވާތީ މާދަމާއިން ފެށިގެން އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް 19 އިގެ ޕޮޒިޓިވް ކޭސްތައް ފެނި ރާއްޖޭގެ ގިނަ ރަށްތަކެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. އޭގެ ތެރޭގައި ބޮޑެތި އާބާދީތަކުގެ ރަށްރަށްވެސް ގިނަ އެވެ. މިހާތަނަށް ރާއްޖެއިން 30،745 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑްގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިހާރު 172 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

މިވަގުތުވެސް ކޮވިޑް ބަލި ޖެހިފައިވާ 5594 މީހަކު ރާއްޖޭގައި އެބަ ތިއްބެވެ.

comment ކޮމެންޓް