ފުރަތަމަ ކުއާޓަރުގައި އުރީދޫ އަށް 122 މިލިއަނުގެ ފައިދާއެއް

އުރީދޫގެ ޑިޖިޓަލް ސެންޓަރު --- ސަން ފޮޓޯ: އަހުމަދު ސައީދު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް 122 މިލިއަން ރުފިޔާގެ ފައިދާ އެއް ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 447 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މޯބައިލް ހިދުމަތްތަކުން 344 މިލިއަން ރުފިޔާ، ފިކްސްޑް ބްރޮޑްބޭންޑު އަދި އެންޓަޕްރައިސް ހިދުމަތްތަކުން 96 މިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން ހަ މިލިއަން ރުފިޔާ އެވެ.

އުރީދޫ އަށް ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 151 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ އަށް ލިބުނީ 142 މިލިއަން ރުފިޔާ އެވެ.

އުރީދޫ އިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އަކީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 11 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. ކޮވިޑާ ހުރެ، ރޯމިން ހިދުމަތުން ލިބުނު އާމްދަނީ ދަށްވިކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

comment ކޮމެންޓް