މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުގެ ހުކުމުން ނަގައިދީފައިވާ ބަދަލަކީ އެޑިއުކޭޝަން މިނިސްޓްރީއިން އެއްބަސްވުމާއި ހިލާފުވުމުގެ ސަބަބުން ގެއްލުން ވެގެން ނަގައިދީފައިވާ ބަދަލެއް ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން އެ ބަދަލު ދިނުން ދިފާއުކޮށްފި އެވެ.
މަންދު ކޮލެއްޖަށް ބަދަލެއްގެ ގޮތުގައި ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ލަފާ ދެއްވާފައި ވަނިކޮށް ސިވިލް ކޯޓުގައި ދައުލަތުން އެއްބަސްވެފައި ވަނީ 15 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ދައުލަތަށާއި ބަންޑާރަ ނައިބަށް ވަނީ އަމާޒު ވެފަ އެވެ.
މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު އެޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މަންދު ކޮލެއްޖަށް ނަގައިދީފައިވާ ބަދަލަކީ "އެއްބަސްވުމާ ހިލާފުވެފައިވާ ހިލާފުވުމާއި ސީދާ ގުޅުން ހުރި ގެއްލުމަކަށް" ނަގައިދިން ބަދަލެއް ކަމަށެވެ. އަދި މަންދު ކޮލެޖަށް ލިބުނު ގެއްލުމާ ގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު އެ ހެކި ދައުލަތަށް ދެއްކެން ނެތް ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަދަލާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލް ދީފައިވާ ލަފައާ ގުޅިގެން އޭޖީގެ ބަޔާނުގައި ބުނެފައިވަނީ އެ ލަފައަކީ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާ ލަފައެއް ކަމަށެވެ.
"އޮޑިޓަ ޖެނެރަލްގެ ލަފައަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައިދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލުތަކާއި އެއްބަސްވުންތައް އެމައްޗަށް ބިނާވާ ފްރީޑޮމް އޮފް ކޮންޓްރެކްޓް އަދި އެއްބަސްވުންތަކަކީ ތަންފީޒު ކުރަންޖެހޭ އެއްޗެއް ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާގޮތަށް ދީފައިވާ ލަފައެކެވެ." އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭޖީ އޮފީހުން ބުނީ 19 އެޕްރީލް 2021 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއިން އެ އޮފީހަށް ފޮނުވި ސިޓީގައި މަންދު ކޮލެޖަށް 15،012،500 ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެފައިވައިވާ ކަމަށެވެ. އެއީ އެއްބަސްވުމާ ހިލާފަށް އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ކޮލެޖް އަލުން ފެށުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ހޭދަކުރަން ޖެހޭ 4،317،500 ރުފިޔާ އާއި އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުން ކުލީގެ ގޮތުގައި ދައްކަން ޖެހުނު 10،695،000 ރުފިޔާ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެޑިއުކޭޝަނުން އެދިގެން އޮޑިޓަ ޖެނެރަލް އޮފީހުން ހަދާފައިވާ އެސެސްމެންޓުގައި ވާގޮތުން އެހެން އިމާރާތަކަށް ދައްކަން ޖެހޭ ކުއްޔަކީ ބަދަލުދޭން ޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"މި ރިޕޯޓުގައި [އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި] ވާގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މާލޭ ހައި އާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށް މާލޭ ހައިގެ ކިބައިން އެމްއީއެސް އިމާރާތް ވަކިކޮށްފައި ވީ ނަމަވެސް އޮޑިޓަ ޖެނެރަލްގެ ނަޒަރުގައި މާލޭ ހައި އިން އިންޓަނޭޝަނަލް ސުކޫލެއް ހިންގާފައި ނުވާތީ އެހެން އިމާރާތަކަށް ދައްކަން ޖެހޭ ކުއްޔަކީ ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމެއް ނޫނެވެ." އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ އޮޑިޓަ ޖެނެރަލް އެގޮތަށް ނިންމިއިރު މާލޭ ހައިއިން އިންޓަނޭޝަނަލް ސުކޫލެއް ހިންގުމުގެ ހުއްދަ އެޑިއުކޭޝަނުން ދީފައި ނުވާ ކަމަށެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެކުލަވާލާފައިވާ ރިޕޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެ އަދަދަކުން ބަދަލު ދިނުމަށް ވަނީ ރެކޮމަންޑް ކޮށްފަ އެވެ.
ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެއް ދިނުން ކަމަށް އެސެސްމަންޓުގައިވެ އެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100،580 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ އެވެ.
ދެވަނަ އަދަދަކީ ޖުމްލަ 1.58 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އެންމެ ގިނަވެގެންވެސް އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 166،599 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.41 މިލިއަން ރުފިޔާ އެވެ.