އީދަށް ހަނދުބެލުން މެއި 11 ވަނަ ދުވަހު

ޖެނުއަރީ 2020 ވަނަ ދުވަހު ހިފި ހަނދުކޭތަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފިތުރު އީދުގެ ހަނދު ސާބިތުކުރުން މިމަހުގެ 11 ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޑީޖޭއޭއިން ކުރި އިއުލާނެއްގައި ބުނީ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން 29 ރަމަޟާން 1442 (11 މެއި 2021 ) ވާ ބުދަ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީ ކައުންސިލް އިދާރާތަކާއި އަތޮޅު ކައުންސިލް އިދާރާތައް އަދި ރަށު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި އަތޮޅު ތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގަ އެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރި މަތީގައި ކަމަށް ޑީޖޭއޭގެ އިއުލާނުގައިވެ އެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް އެ ޑިޕާޓުމެންޓުން އެދެ އެވެ.

ހެކިބަސް ދޭން ދިޔުމުގެ ހަރަދު ދޭނެ ކަމަށް ވެސް އެ ޑިޕާޓުމެންޓުގެ އިއުލާނުގައިވެ އެވެ.

މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ދިމާވީ އޭޕްރީލް 13 ވަނަ ދުވަހާ އެވެ. މެއި މަހުގެ 11 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހަށް ވާއިރު ކަލަންޑަރުގައިވާ ގޮތުން މިމަހުގެ 12 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ.

comment ކޮމެންޓް