ޚަރަދު ކުޑަކުރުމަށް ޝަރުއީ ދާއިރާއަށް މުވައްޒަފުން ނެގުން މަޑުޖައްސާލައިފި

ފެބްރުއަރީ 15، 2021: ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ރިޢާޔަތްކޮށް ޚަރަދު ކުޑަކުރުމަށް ކޯޓުތަކާއި ޝަރުއީ ދާއިރާއަށް އިތުރު މުވައްޒަފުން ނެގުން މަޑުޖައްސާލައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނެރެފައިވާ ސާކިއުލާގައިވަނީ ޚަރަދުތައް ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ރައީސް އޮފީހުން ނިންމާފައިވާތީ، ޝަރުއީ ދާއިރާއިން މި އަހަރަށް ކުރުމަށް ރާވާފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރުމަށް ފަހު، ރިކަރަންޓު ޚަރަދު ކުޑަކުރުމަށް މި ހިނދުން މި ހިނދަށް އެޅުމަށް ނިންމާފައިވާ ބައެއް ފިޔަވަޅުތައް ހާމަކޮށްފައެވެ.

ޚަރަދު ކުޑަކުރުމަށް ޓަކައި ޝަރުއީ ދާއިރާއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް

  • ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގޭ ޓްރެއިނިން ޕްރޮގްރާމްތައް ފިޔަވައި އެހެނިހެން ޕްރޮގްރާމްތައް ހިންގުން މަޑުޖައްސައިލުން
  • އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތްތައް، ސުޕަވައިޒަރުގެ ހުއްދައަކާ އެކު ކުރުމާއި، ސުޕަވައިޒަރުން އިތުރު ގަޑި މޮނިޓާކުރުން
  • އަލަށް މުވައްޒަފުން ނެގުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުން
  • އައު ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުތައް މި ވަގުތަށް ނުބޭއްވުން

އެ ސާކިއުލާ އާންމުކުރާ ތާރީޚުން ފެށިގެން ޝަރުޢީ ކޯޓުތަކާއި އިދާރާތަކުން މި ކަންކަމަށް އަމަލު ކުރަމުން ގެންދިއުމަށް ޑީޖޭއޭއިންވަނީ އަންގާފައެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، އިގުތިސާދީ ހާލަތު ދަށަށް ދިޔުމުން ސަރުކާރުން އަންނަނީ ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މުސާރަ އާއި ދަތުރު ޚަރަދު ފަދަ ރިކަރަންޓު ޚަރަދުގެ އިތުރުން، މަޝްރޫއުތަކަށް ކުރާ ޚަރަދުތައް ވެސް ސަރުކާރުން ވަނީ ކުޑަކޮށްފައެވެ.

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ބައެއް ހަރަކާތްތައް ނުބޭއްވުމަށް މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

comment ކޮމެންޓް