މަސައްކަތް ކުރެވޭނެ މާހަލުނެތުމުން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން ރިޒްނާ އިސްތިއުފާ ދެއްވައިފި

އައިޝަތު ރިޒުނާ: އޭނާ ވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އިސްތިއުފާ ދެއްވާފައި ----ފޮޓޯ/ ޑީޖޭއޭ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އައިޝަތު ރިޒްނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރިޒްނާ އިސްތިއުފާ ދެއްވިކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފިޝަލަކު 'ސަން'އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އިސްތިއުފާދެއްވައި ރިޒްނާ ޑީޖޭއޭގެ ރައީސް ހުސައިން ރިޒާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މިދިޔަ ޖޫން މަހުން ފެށިގެން ޑީޖޭއޭ ހިންގުމަށް ތަންފީޒުކުރެވިފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ސަބަބުން ޖުޑިޝަލް ސާވިސް ކޮމިޝަނާއެކު މަސައްކަތް ކުރެވޭނެ އެއްވެސް މާހައުލެއް ނެތް ކަމަށެވެ.

މީގެއިތުރުން، ޝަރުއީ ދާއިރާގައި އިދާރީ ހިންގުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އިޖާބީ ތަސައްވުރެއް ހާމަކޮށްފައިނުވާ ކަމަށާއި މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފައެއް ވެސް މިހާތަނަށް ލިބިފައި ނުވާ ކަމަށް ރިޒުނާ ވިދާޅުވެއެވެ.

"ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަވަންޖެހޭ ކަންކަމުގައިވެސް ނިންމުންތައް ނިންމަވާފައެއްވެސްނުވެއެވެ." އެ ސިޓީގައިވެއެވެ.

އެހެންވެ، އެކަންތައް ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އެކަށީގެންވާ ނަތީޖާއެއް ލިބިފައިނުވާތީ ޖުޑިޝަރީގެ އިދާރީ ހިންގުމާ ގުޅޭ މުހިންމު ކަންތައް ހިންގުމަށް ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒުނާ ހަމަޖައްސަވާފައި ވަނީ 27 ސެޕްޓެމްބަރު 2020ގައެވެ.

comment ކޮމެންޓް