ސަމާ އައިލެންޑުގެ ތްރީޑީ ފަރުގައި މުރަކަ އާލާވާން ފަށައިފި

ސަމާ އައިލެންޑް ރިސޯޓުގެ ފަޅުތެރޭ ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓެޑް ފަރުގައި މުރަކަ އާލާވާން ފަށައިފި އެވެ.

ރާއްޖޭގައި ރިސޯޓު އޮޕަރޭޓުކުރާ އެންމެ ދުވަސްވީ އެއް ކުންފުނި، ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސެސްއިން ކ. ޒިޔާރަތްފުށީގައި ހިންގާ ސަމާ އައިލެންޑް މޯލްޑިވްސްގައި 3ޑީ ޕްރިންޓުކުރި ސްޓްރަކްޗާއެއް ހަރުކޮށް، އެ އޮނިގަނޑުގައި މުރަކަ އިންދައި އާލާކުރުމުގެ މަޝްރޫއު ފެށީ 2018 ވަނަ އަހަރު އެވެ.

އެ ފަރަށް ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓެޑް ކޮރަލް ރީފްގެ ލަގަބު ވެސް ވަނީ ލިބިފަ އެވެ.

އެ ރިސޯޓުން މިއަދު ބުނީ، މި ހަފްތާގެ ކުރީކޮޅު އެ ރިސޯޓުގެ ޑައިވަރުންނަށް، 3ޑީ ފަރުގައި ވަރަށް ފުރިހަމައަށް މުރަކަ އާލާވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރުގެ ކުރީކޮޅު އިންދި މުރަކަތައް މިހާރު ފުޓުބޯޅައެއްގެ ބޮޑުމިނަށް ހެދިފައިވާ ކަމަށާއި، އަދި އެހެން ކުދި މުރަކަތައް ވެސް ފަރުގެ އެކި ހިސާބުގައި ވަރަށް ރަނގަޅަށް އާލާވަމުން އަންނަ ކަަމަށެވެ.

އެންމެ ފުރަތަމަ 3ޑީ ސްޓްރަކްޗަރަށް ބަދަލުކުރި މުރަކަތައް އާލާވާގޮތް ނުވުމުން، އަލުން ސިރޯޓުގެ މުރަކަ ގާޑަން އިން މުރަކަތައް އެ ސްޓްރަކްޗާއަށް ބަދަލުކުރީ މިދިޔަ އަހަރު ރާއްޖެއަށް ކޮވިޑް19ގެ ބަލިމަޑުކަން އައުމުގެ ކުރިންނެވެ.

ސަމާ އައިލެންޑް ރިސޯޓުން ބުނީ، ގަވާއިދުން ފަރު ސާފުނުކުރާނަމަ، މުރަކަ އާލާނުވެދާނެ ކަމަށް ސައިންސްވެރިން ވެސް ކުރިން ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ފުރަތަމަ ފަހަރަށް 3ޑީ ފަރުގެ ހާލަތު ދެނެގަތުމަށް ކުރި ޑައިވްގައި، މުރަކަ އާލާވެފައިވާ މިންވަރު ފެނި ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް އެ ރިސޯޓުން ބުންޏެވެ.

އޮސްޓްރޭލިއާގެ ރީފް ޑިޒައިން ލެބާއި ޑައިވާލޭންޑް މޯލްޑިވްސްއާ ގުޅިގެން އެ ރިސޯޓުން އެ މަޝްރޫއު ފެށީ ރިސޯޓުގެ ފަޅުގައި މުރަކަ އުފެދިފައި ނެތް ސަރަހައްދުތަކުގައި މުރަކަ އިންދައި އާލާކުރުމަށެވެ.

މުރަކަ އިންދައި އާލާކުރުމަށްޓަކައި އޮސްޓްރޭލިއާގެ ރީފް ޑިޒައިން ލެބުން ވަނީ، ރާއްޖޭގައި އުފެދިފައި ހުންނަ ފަދަ ފަރުގެ ބައްޓަމަށް އޮނިގަނޑުތަކެއް ކޮމްޕިއުޓަރު ބޭނުންކޮށްގެން ފަރުމާކޮށްފައެވެ. އަދި ބޮޑު 3ޑީ ޕްރިންޓަރެއްގެ އެހީގައި މި އޮނިގަނޑުތައް ޕްރިންޓުކޮށް، އެ ރިސޯޓުގެ އެ ފަރުގައި ވަނީ އިންދައިފައެވެ.

comment ކޮމެންޓް