އިއްޔެގެ ވޯޓުން އެކަނި މާވަށުގެ ނަތީޖާ ނެރެން އުޅޭކަމަށް ބުނެ މައްސަލަ ހޫނުވެއްޖެ

އާދަމް އަބްދުއްރަހްމާން އަދި އަހުމަދު މޫސާ

އިއްޔެ ބޭއްވި ލ. މާވަށު ކައުންސިލްގެ ދެ ނަމްބަރު ވޯޓު ފޮށީގެ ވޯޓުގެ ނަތީޖާއަށް އެކަނި ބަލައިގެން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅަން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނު ވެއްޖެ އެވެ.

މާވަށު ކައުންސިލް ރައީސަކު ހޮވަން ދެ ވަނަ ފަހަރަށް ވޯޓުލުމަކަށް ދާން ޖެހުނީ މިދިޔަ މަހު 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ވޯޓުގައި ދާއިރާއަށް ނިސްބަތްނުވާ މީހަކު މާވަށު ދެ ނަމްބަރު ފޮށްޓަށް ވޯޓުލުމުންނެވެ.

އިއްޔެ އަލުން ވޯޓުލުން ކުރިއަށްގެންދިޔައީ ކައުންސިލްގެ ރައީސްގެ ގޮނޑިއަށާއި ކައުންސިންގެ މެމްބަރުގެ ގޮނޑީގެ އެވެ. އެއީ އެ ދެ މަގާމަށް ލީ ފަރާތްތަކުގެ ވޯޓު އެއްވަރުވެފައިވާތީ އެވެ.

ވޯޓު އެއްވަރުވީ، މާވަށު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި، މިހާރު ވެސް އެ ކައުންސިލްގެ ރައީސް ޕީޕީއެމްގެ އަހުމަދު މޫސާ އާއި މިހާރު ވެސް ކައުންސިލް މެމްބަރުކަން ކުރައްވާ އާދަމް އަބްދުއްރަހްމާން އެވެ. އެ ދެ ބޭފުޅުންނަށް ވެސް މިދިޔަ މަހު ބޭއްވި އިންތިިހާބުން ލިބިފައި ވަނީ 525 ވޯޓެވެ. ދެ ބޭފުޅުން ވެސް 10 އެޕްރީލުގައި ބޭއްވި އިންތިހާބުގައި ވާދަ ކުރެއްވީ މާވަށު ރައީސް ކަމަށެވެ.

އެ ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުލުން ކުރިއަށް ގޮސްފައި ވަނީ ހަމައެކަނި މައްސަލަ ޖެހުނު މާވަށު ދެ ނަމްބަރު ވޯޓު ފޮށީގަ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެ ފޮށީގެ ނަތީޖާއިން ކުރި ހޯދާފައި ވަނީ ރައީސް ކަމަށް ކުރިމަތިލެއްވި އެމްޑީޕީގެ އާދަމް އަބްދުއްރަހްމާން އެވެ. އޭނާއަށް ލިބިފައި ވަނީ 232 ވޯޓެވެ. ޕީޕީއެމްގެ އަހްމަދު މޫސާއަށް ލިބިފައި ވަނީ، 218 ވޯޓެވެ.

އާދަމް އަބްދުއްރަހްމާނަށް އިއްޔެ ވޯޓުން ކުރި ލިބުނު ނަމަވެސް، މިދިޔަ މަހު ބޭއްވި އިންތިހާބުގެ އެރަށުގެ ރައްޔިތުން ވޯޓުލީ އެހެން ފޮށިތަކުގެ ނަތީޖާއާ އެކު ކުރި ލިބެނީ ޕީޕީއެމް ކެންޑިޑޭޓަށެވެ.

ޕީޕީއެމުން ގަބޫލުކުރާ ގޮތުގައި އެ އިންތިހާބު ކާމިޔާބު ކުރީ އެ ޕާޓީގެ ކެންޑިޑޭޓެވެ. އެއީ އިންތިހާބުގެ އެހެނިހެން ހުރިހާ ފޮށިގެ ނަތީޖާ އެކު ޖުމްލަ ވޯޓުންނެވެ. އެ ޕާޓީން ރޭ ނެރުނު ބަޔާނުގައި ބުނީ، ކައުންސިލް ރައީސްގެ ގޮނޑި 26 ވޯޓުގެ ފަރަގަކާ އެކު އެ ޕާޓީގެ ކެންޑިޑޭޓު އަހުމަދު މޫސާ ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. އަދި ކައުންސިލް މެމްބަރު ކަމުގެ ގޮނޑި 11 ވޯޓުގެ ފަރަގަކާ އެކު އެ ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް އަބޫބަކުރު ކާމިޔާބުކުރައްވާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ މާވަށު ދެ ނަންބަރު ވޯޓު ފޮށީގެ ރައީސްގެ ނަތީޖާ:

  • އާދަމް އަބްދުއް ރަހްމަން (އެމްޑީޕީ) - 226 ވޯޓު
  • އަހްމަދު މޫސާ (ޕީޕީއެމް) - 186

އިއްޔެގެ ވޯޓުން އެކަނި ނަތީޖާ ނެރެން އުޅޭކަމުގެ ތުހުމަތު!

ޕީޕީއެމްއިން މީގެ ކުރިން އިންތިހާބީ މަރުކަޒަށް އެއްވި އެއްވުމުގެ ތެރެއިން: ރޭވެސް އެ ކޯލިޝަނުން ވަނީ އެ މަރުކަޒަށް އެއްވެ ނުރުހުން ފާޅުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީ ކެންޑިޑޭޓުންނަށް ފަހިވާގޮތަށް، އިއްޔެގެ ވޯޓަށް އެކަނި ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ނަތީޖާ ނެެރެން އުޅޭ ކަމަށް ބުނެ ޕީޕީއެމްގެ ލީޑަޝީޕުން އިއްޔެ ވަނީ އިންތިހާބީ މައި މަރުކަޒު ބާޖަމަލުއްދީނަށް އެއްވެފަ އެވެ.

އެތަނުގައި ހުންނަވައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ އެމްޑީޕީ ކެންޑިޑޭޓަށް ކާމިޔާބުވާ ގޮތަށް އިންތިހާބުގެ ނަތީޖާ ނެރެން ކަމަށެވެ. އެގޮތުން މިދިޔަ މަހު ވޯޓުލީ އެ ރަށުގެ ރައްޔިތުންގެ ވޯޓާ ނުލައި، އިއްޔެގެ ވޯޓުން އެކަނި އިންތިހާބުގެ ނަތީޖާ ނެރުމަށް އިލެކްޝަންސް އިން މަސައްކަތް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެކަން ޕީޕީއެމްގެ ކެންޑިޑޭޓަށް ވެސް އިލެކްޝަންސްގެ ފަރާތުން އަންގާފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ޖުމްލަ ނަތީޖާ އިން ރައީސް އާއި މެމްބަރުކަމުގެ ގޮނޑި ނެގީ ޕީޕީއެމްއިން. އެހެން އޮއްވައި ކުއްލިއަކަށް އަޅުގަނޑުމެންނަށް މި އެނގުނީ ހަމައެކަނި މިއަދު ވޯޓުލީ ފޮށީގެ ނަތީޖާއިން އެކަނި ކަމަށް ނަތީޖާ ނިންމާނީ. އެކަން އަޅުގަނޑުމެންގެ އިންތިހާބީ ކައުންސިލްގެ ރައީސް [އަހުމަދު މޫސާ]އަށް އެންގީ،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅުން ރޭ އިންތިހާބީ މަރުކަޒުގައި ބޭއްވި އެއްވުމުގެ ތެރެއިން އަދުރޭ މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ސްކްރީން ޝޮޓް/ ޗެނެލް13 ލައިވް

އަދުރޭ ރޭ ވިދާޅުވީ، އެކަމާ ކަންބޮޑުވުގެން އިންތިހާބީ މަރުކަޒަށް ވަޑައިގަތުުމުން އެތަނުގެ އެއްވެސް ބޭފުޅަކާ ބައްދަލުވެސް ނުވި ކަމަށާއި ކޮމިޝަންގެ ބޭފުޅަކަށް ފޯނުން ވެސް ނުގުޅޭ ކަމަށެވެ.

"ވިއްސަކަށް ފަހަރު ގުޅައިފިން ކޮމިޝަންގެ ރައީސަށް، ފޯނެއް ނުނަންގަވާ. އެއްވެސް މެމްބަަރަކު ވެސް ފޯނެއް ނުނަންގަވާ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އިންސާފުވެރި ނިންމުމެއް ކަމަށް. އެއީ އިންތިހާބުގެ ނަތީޖާ ނެރެވޭނީ މުޅި ދާއިރާގައި އިންތިހާބުގައި ވޯޓުލާ މީހުން ޖުމްލަ ނަތީޖާއިން. ޖުމްލަ ނަތީޖާއިން ޕީޕިއެމްގެ ދެ ކެންޑިޑޭޓުން އުޅޭނީ މާ ބޮަޑަށްވެސް ކުރީގައި،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތަލާލް ސޮއިކުރައްވައި މިހާރު އެ މައްސަލަ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.

ތޮލާލް އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ފޮނުވި ސިޓީގައި ބުނީ، މައްސަލަ ޖެހުނު ވޯޓު ފޮށީގެ ވޯޓުތަކުގެ ތެރެއިން ވޯޓު އެއްވަރުވި ހަތަރު ކެންޑިޑޭޓުންގެ ވޯޓުތައް އެ ކޮމިޝަނުން ބާތިލު ކުރި ކަމަށެވެ. އަދި އަލުން އެ ވޯޓުފޮށީގެ ވޯޓުލުން ބާއްވައި އެ ފޮށީގެ ވޯޓުތައް ބާތިލުކުރުމުން ހަމަ ބުއްދިން ބަލާއިރުވެސް، ދެން ޖުމްލަ ވޯޓު ގުނާނީ ހުރިހާ ފޮށިތަކުގެ ވޯޓާ އެކު ކަމަށް އެ ސިޓީގައި އޭނާ ވިދާޅުވެފައިވެ އެވެ.

އިލެކްޝަންސްގެ ކުއްލި ބައްދަލުވުމަކުން ގޮތެއް ނިންމަނީ!

އިލެކްޝަން ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕީޕީއެމްއިން ކުރާ ތުހުމަތާ ގުޅިގެން އީސިން ކުއްލި ބައްދަލުވުމެއް ބާއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ޕީޕީއެމްއިން ހުށަހެޅުމާ އެކު ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސީދާ އެއްޗެއް ވިދާޅުވެވޭނީ އެ ބައްދަލުވުމަށް ފަހު ކަމަށެވެ.

ޕީޕީއެމްއިން ކުރާ ތުހުމަތާ ގުޅިގެން ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ، އެ ކޮމިޝަނުން އެއްވެސް ވޯޓު ފޮއްޓެއް ބާތިލު ނުކުރާ ކަމަށާއި އެއީ އެ ކޮމިޝަނަށް ލިބިގެންވާ ހައްގެއް ވެސް ނޫން ކަމަށެވެ. އަދި ކޮމިޝަނުން އިއުލާން ކުރީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޝަނުން ނިންމީ މާވަށުގެ އިތުރު ބުރެއް ބާއްވަން. އިތުރު ބުރެއް ބޭއްވުމަކީ ކުރީގައި ލާފައި ހުރި ވޯޓުތައް ބާތިލު ކުރުމެއް ނޫން. އެއީ ކޮމިޝަނަށް އެކަން ނުކުރެވޭނެ،" ޝަރީފު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރިފު: އޭނާ ވިދާޅުވީ، މާވަށު ވޯޓު ފޮށި ބާތިލުކުރަން ކޮމިޝަނުން ނުނިންމާކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ވަނަ ބުރަކަށް ދިޔުމަށް ނިންމުމުން ދާއިރާގެ ހުރިހާ ރައްޔިތުންނަށް ވޯޓުލުމަށް ފުރުސަތު ނުދީ، އެންމެ ވޯޓު ފޮއްޓެއްގެ ވޯޓުލުމަށް ފުރުސަތު ހުޅުވާލީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ، ދެވަނަ ބުރަކަށް ދިޔައީ، ދެ ބޭފުޅުންގެ ވޯޓު އެއްވަރުވެފައިވާތިީވެ އެ ފޮށީގައި ޝައްކުވާ އެއް ވޯޓު ހިމެނޭތީ، އެ ފޮށިގެ އިތުރު ބުރެއް ބާއްވައިގެން ނޫން ގޮތަކަށް ނަތީޖާ ކަށަވަރު ނުކުރެވޭނެތީ ކަމަށެވެ.

މިސާލަކަށް ރިޔާސީ އިންތިހާބެއްގައި ވެސް ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ، ވޯޓުލާނީ މުޅީ ގައުމުގެ ރައްޔިތުންގެ ވޯޓުން ނޫންތޯ ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ، މައްސަލަ ޖެހިގެން އުޅެނީ ޝައްކުވާ ވޯޓެއް އެންމެ ފޮއްޓަކަށް ލެވިގެން ކަމަށާއި އެހެން ކަމުން އެންމެ ފޮއްޓެއްގެ ރައްޔިތުންގެ މެދުގައި ވެސް ދެވަނަ ބުރެއް ބޭއްވިދާނެ ކަމަށެވެ.

"މިސާލަކަށް ރިޔާސީ އިންތިހާބުގައި ދެބޭފުޅުންގެ މެދުގައި އެއްވޯޓު ތަފާތުވީ، ތަފާތުވެފައި މިވަނީ އެއް ވޯޓު ފޮށީގައި ގަވައިދާ ހިލާފަށް އެއް ވޯޓުލާފައިވާކަމަށް ކަން ހިނގައިދިޔަ ރިޕޯޓުގައި [މި އޮންނަނީ،] ނުވަތަ ސާބިތު ވަނީ. އެގޮތަށް ސާބިތުވާނަމަ، އެ ފޯށީގައި ވޯޓުލުމަށް އިތުރުބުރެއް ބާއްވައިގެންވެސް ނަތީޖާ ނެރެވޭނެ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ދެއްވި ޔަގީންކަމަކީ، ކޮމީޝަނުން އަމަލު ކުރަނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ އޮންނަ އުސޫލުތަކުގެ ދަށުން ކަމަށެވެ. އަދި މީގެ ކުރިންވެސް ބައެއް އިންތިހާބުތަކުގައި މިފަދަ ހާލަތްތައް ހިނގާފައި އެބަހުރި ކަމަށާއި ކޮމިޝަނުން އެ ނިންމުންތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.

މިކަމުގައި ދެން ވާނެ ގޮތެއް ސާފުވާނީ، އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ނިންމާ ގޮތުންނެވެ.

comment ކޮމެންޓް