ރާއްޖެ ސަރަހައްދުން ހިފެހެއްޓީ ލަންކާގެ މަސް ބޯޓުތަކެއް: ޕޮލިސް

މީގެކުރިން އަތުލައިގަތް މަސް ބޯޓެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅެނިކޮށް، އޭޕްރީލް 28 ވަނަ ދުވަހު ހިފެހެއްޓީ ސްރީލަންކާއަށް ނިސްބަތްވާ ބޯޓުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެ އިރާކޮޅު، ވ. އަތޮޅާ ދިމާ އިރުން އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ 30 ނޯޓިކަލް މޭލު އެތެރެއިން ފަސް ބޯޓެއް ހިފެހެއްޓި އެވެ. އެމްއެންޑީއެފް އިން ބުނީ އެ ބޯޓުތައް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ޕެޓްރޯލް ދަތުރެއްގެ ތެރެއިން ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެއިން ކޮންމެ ބޯޓެއްގައި ހަ މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހުރަވީގެ ބެލުމުގެ ދަށުން އެ ބޯޓުތައް އިއްޔެ ވަނީ ހުޅުމާލެއަށް ގެނެސް، ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއީ ލަންކާއަށް ނިސްބަތްވާ ބޯޓުތަކެއް ކަމަށެވެ.

ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް