ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރުމުން ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ކަނޑައަޅަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެސެސްމެންޓެއް ހެދިކަން ނޭނގޭ ކަމަށާއި، އެއީ އެއްވެސް ސައްހަކަމެއް ނެތް، ބާތިލް އެއްޗެއް ކަމަށް މާލެ ހައިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
އެ އެސެސްމަންޓަކީ، މިދިޔަ އޮގަސްޓު މަހު އެޑިއުކޭޝަން މިނިސްޓްރީގެ އެދިވަޑައިގަތުމަކަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި އެސެސްމަންޓެކެވެ. އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓް އޮފީހުގައި އެދިފައިވަނީ، އެއްބަސްވުން ބާތިލު ކުރުމުން މަންދު ކޮލަޖަށް ދޭން ޖެހޭ ބަދަލު ކަނޑައެޅުމަށް އެސެސްމަންޓެއް ހަދައިދިނުމަށެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެކުލަވާލާފައިވާ އެ ރިޕޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެ އަދަދަކުން ބަދަލު ދިނުމަށް ވަނީ ރެކޮމަންޑް ކޮށްފަ އެވެ. 'ސަން' އަށް ކޮޕީ ލިބިފައިވާ އެސެސްމަންޓުގައި ބުނެފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެންމެ ބޮޑުވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަނެއްހާ ރުފިޔާ ކަމަށެވެ.
އެ އެސެސްމަންޓާ ގުޅިގެން އިބްރާ ސޮއިކުރައްވައި މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިއަދު ނެރުު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އެފަދަ ރިޕޯޓެއް ނެރުއްވި ކަމެއް ނުވަތަ އެކުލަވާލެއްވި ކަމެއް ވެސް ރަސްމީ ސިފައެއްގައި އެނގިފައި ނުވާ ކަމަށެެވެ. އަދި އެފަދަ ރިޕޯޓެއްގެ މައުލޫމާތު ލިބުނީ މީޑިއާ މެދުވެރިކޮށް ކަމަށެވެ.
އެ ކުންފުނީގެ މުދަލާއި ވިޔަފާރިއަށް ލިބިފައިވާ ގެއްލުން އޮޑިޓާ ޖެނެރަލް އަށް އަދުލުވެރިކަމާއެކު ވަޒަންކުރެވޭނީ އެ ކުންފުނީގެ ބަހެއް ވެސް ހޯދައިގެން ކަަމަށާއި ނަމަވެސް އޮޑިޓާ ޖެނެރަލްގެ އެސެސްމަންޓަށް އެ ކުންފުނީގެ ބަހެއް، ލިޔެކިޔުމެއް، ލިޔެކިޔުމެއް އަދި މަޝްވަރާއެއް ވެސް ހޯދާފައި ނުވާކަމަށް ބަޔާނުގައިވެ އެވެ.
"..އޮޑިޓާ ޖެނެރަލް މި އެކުލަވާލެއްވި ރިޕޯޓަކީ އޭގައި އެއްވެސް ސައްހަކަމެއް، ބުރަދަނެއް ނެތް، ބައިނަލްއަގުވާމީ އޮޑިޓްކުރުމުގެ މިންގަނޑުތަކާ ހިލާފު، ތައްސުބު އެކުލެވޭ ބާތިލް ރިޕޯޓެކެވެ." ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އެ ރިޕޯޓު އެކުލަވާލައްވާފައި ވަނީ ސިއްރިއްޔާތުގައި، ރައްޔިތުންނަށް އޮޅުން އަރާނެ ގޮތަށް ކަމަށާއި، އެއީ ޒިންމާދާރުކަން ކުޑަ، އޮޑިޓާ ޖެނެރަލްގެ މަގާމާ އެކަށީގެން ނުވާ އަމަލެއް ކަމަށެވެ.
އެސެސްމަންޓުގެ މައްސަލައިގައި މާލެ ހައި އިން ވަނީ އޮޑިތާ ޖެނެރަލް ހަސަން ޒިޔާތުއަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އެދިފައި ވަނީ އެފަދަ އެއްވެސް ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލައި، ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވޭތޯ ކަށަވަރުކޮށްދިނުމަށެވެ.
ހަމައެއާއެކު، އެ ކުންފުންޏާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ރައްކާކޮށްފައިވާ ހުރިހާ މައުލޫމާތު އެ ކުންފުންޏަށް ލިބިގަތުމުގެ ހައްގު އެބަ އޮތް ކަމަށާއި އެހެންކަމުން އެފަދަ އެސެސްމަންޓެއް ތައްޔާރުކޮށްފައިވާނަމަ، އެ ރިޕޯޓުގެ ކޮޕީއަކާއި، އެ ރިޕޯޓު އެ މައްޗަށް ބިނާކުރި އެންމެހާ ހެއްކާއި ލިޔެކިޔުމާއި އެނޫންވެސް މައުލޫމާތާއި މަސްދަރުތައް އެ ކުންފުންޏަށް ހާމަކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.
އެ ރިޕޯޓާ ގުޅިގެން އެ ކުންފުންޏަށް ބޮޑެތި ބަދުނާމުތަކެއް ރައްދުވަމުން އަންނަ ކަމަށާއި އެހެންކަމުން ލަސްނުކޮށް އެ މައުލޫމާތު ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް ސިޓީގައިވެ އެވެ.
މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދޭން ޖެހެނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓާ ޖެނެރަލް ދީފައިވާ ލަފާ މީޑިއާ އިން ތިލަކުރުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން އެ ކުންފުންޏަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ވެސް އިބްރާ ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.
ބަޔާނުގައި ބުނެފައ ިވަނީ އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމު ވާގޮތަށް، ހަގީގަތް ބެލުމެއްނެތި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސޯޝަލް މީޑިއާގައި ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މެމްބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފު، އަދި އިސްލާމްދީނާ ވެސް ހިލާފު ކަމެއް ކަމަށެވެ.
"ރަމަޟާން މަހު ރޯދައަށް ތިއްބަވައިގެން، ދައުލަތުގެ މުސާރަވެރިން، އާންމު ފަރުދުންގެ އަބުރު ނަގާލަން ވާހަކަ ދެއްކުމަކީ މި ކުންފުނިން ހިތާމަކުރާ ކަމެކެވެ."
އެ ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުންޏަކީ އަނިޔާ ލިބުނު ފަރާތް ކަމަށާއި، އަނިޔާ ދިން ފަރާތަކީ ދައުލަތްކަން ހަނދާން ނައްތާނުލުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. މައްސަލައިގައި ކުންފުނިން ނާޖާއިޒް އެއްވެސް ކޮށްފައި ނުވާނެ ކަމަށާއި، ވަރަށް އަވަހަށް މައްސަލައިގެ ހުރިހާ ތަފްސީލެއް ހާމަކުރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާއެކު އެޑިއުކޭޝަން މިނިސްޓްރީއިން 10 އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދީ 28 ޑިސެމްބަރު، 2008 ގަ އެވެ. އެތަން މާލޭ ހައިއަށް ދިނީ އިންޓަނޭޝަނަލް ސުކޫލެއް ހިންގާށެވެ. ނަމަވެސް، އެއްބަސްވުމުގައިވާ ގޮތަށް ސްކޫލު ނުހިންގާ ކަމަށް ބުނެ ޖެނުއަރީ 25، 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އެ މައްސަލަ މާލޭ ހައި ކުންފުނިން ސެޕްޓެމްބަރު 20، 2016 ގައި ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެދުނީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށެވެ. ނަމަވެސް، އޮގަސްޓް 29، 2017 ގައި ސިވިލް ކޯޓުން ހުކުމް ކުރީ މާލޭ ހައިއަށް ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައި ވަނީ، އެއްބަސްވުން އުވާލާފައި ވަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު މާލޭ ހައި ކުންފުންޏަށް ލިބިގެންވާ ކަމަށް ނިންމާފައިވެ އެވެ. އެކަމަކު ގާނޫނީ ވަކީލުންގެ ފީއަށް ހަރަދުވި 53،000 ރުފިޔާ ނަގައިނުދެވޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.
ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެމްއީއެސްގެ އިމާރާތް މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ބާތިލްކޮށް އެތަން އެ ކޮލެޖުގެ އަތުން އަތުލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ހުކުމް ކޮށްފަ އެވެ.
މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް 15 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން އެއްބަސްވީ، އެކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް 18 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނުމަށް އެދި، ހުށަހެޅުމުން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. އެއާއެކު ސިވިލް ކޯޓުން ހުކުމް ކުރީ އެއް މަސް ދުވަސްތެރޭ އެ ފައިސާ ދައުލަތުން އެ ކުންފުންޏަށް ދެއްކުމަށެވެ.
އެމްއީއެސް އިމާރާތުން މަންދު ކޮލެޖު ބޭރުކުރުމަށް ފަހު އެތަން ބޭނުންކުރީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީއެއްގެ ހިންގާށެވެ. މިހާރު އެ އިމާރާތުގައި ހިންގަނީ މި އަހަރު އަލަށް ފެށި އިއްޒުއްދީން ސްކޫލެވެ.