އޮޑިޓް އޮފީހުން ހަދާފައިވާ އޮޑިޓް ރިޕޯޓެއް މާލެ ހައިއަށް ދޫކުރަން ހުކުމްކޮށްފި

އިބްރާހިމް އިސްމާއިލް (އިބްރާ): -- ފޮޓޯ/ މަޖިލިސް

އޮޑިޓް އޮފީހުން ހަދާފައިވާ އޮޑިޓް ރިޕޯޓެއް، މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދޫކުރަން، ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، ކަނޑައެޅިގެން ކޮން އޮޑިޓް ރިޕޯޓެއް ކަމެއް ސާފެއް ނުވެއެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން އޮޑިޓް އޮފީހާ ދެކޮޅަށް ދައުވާ ކުރި މި މައްސަލައިގެ ޝަރިއަތަށް އޮޑިޓް އޮފީހުން ހާޒިރުވެފައި ނުވާތީ މައްސަލައިގެ ހުކުމް ސިވިލް ކޯޓުން ކުރީ އެ އޮފީހުގެ ޢައިރު ހާޒިރުގައެވެ. އެ އޮފީހުން ދައުވާއަށް ޖަވާބުދާރީވެސްވެފައެއް ނުވެއެވެ.

ޢައިރު ހާޒިރުގައި ނިންމާފައިވާ މި މައްސަލައިން އެނގޭ ގޮތުގައި މިއީ، މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރިއަށް ލިބިފައިވާ ގެއްލުންތައް ވަޒަންކޮށް، އޮޑިޓް އޮފީހުން ބަންޑާރަ ނައިބަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓެކެވެ.

މި ރިޕޯޓް ދޫނުކޮށްގެން، އިބްރާހީމް އިސްމާއީލް (އިބްރާ)ގެ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ޝަރިއަތަށް ދިޔައީއެވެ.

މި މައްސަލައިގެ ހުކުމް ސިވިލް ކޯޓުން ކުރީ އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އެންމެ ބޮޑުވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަނެއްހާ ރުފިޔާ ކަމަށް އޮޑިޓް އޮފީހުން އެކަމާ ގުޅިގެން ހަދާފައިވާ އެސެސްމަންޓަކުން ކުރިންވަނީ ހާމަވެފައެވެ.

"ސަން"އަށް ކުރިން ކޮޕީ ލިބިފައިވާ އެ އެސެސްމަންޓަކީ، އެޑިއުކޭޝަން މިނިސްޓްރީންގެ އެދުމަކަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި އެސެސްމަންޓެކެވެ. އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓް އޮފީހުގައި އެދިފައިވަނީ، އެއްބަސްވުން ބާތިލު ކުރުމުން މަންދު ކޮލަޖަށް ދޭން ޖެހޭ ބަދަލު ކަނޑައެޅުމަށް އެސެސްމަންޓެއް ހަދައިދިނުމަށެވެ.

comment ކޮމެންޓް