ރޯދަ ސިއްހަތު: ނަމާދުން ހަށިގަނޑަށް ކުރާ ފައިދާ

ޖޫން 1، 2019: މާލޭގެ މިސްކިތެއްގައި ދަމުނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމާދަކީ އިސްލާމްދީނުގައި އެންމެ މުހިންމުކަމެއް ދެވިފައިވާ އަޅުކަމެވެ. ނަމާދަކީ ރެޔަކާއި ދުވަލު ފަސް ފަހަރު މުސްލިމުންނަށް ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ. ހަށިގަނޑުގެ ހަރަކާތްތަކަކާއި ދުލުން ކިޔާ ދުއާތަކާއި ޒިކުރުތަކެއްގެ މައްޗަށް އެކުލެވޭ މި އަޅުކަމަށް ދީނުގައި ދެވިފައިވާ މުހިންމުކަން ހާމަވެއެވެ.

ނަމާދުން ހަށިގަނޑަށް ޖިސްމާނީ ގޮތުން ލިބިދޭ ފައިދާތަކެއްވެސް ހުރެއެވެ. ނަމާދުކުރުމުގައި ހަށިގަނޑުން ކުރާ ގިނަ ހަރަކާތްތަކެއް ވެއެވެ. ހަށަންބަނދެ ކޮޅަށް ހުރުމާއި، ރުކޫއު ކުރުމާއި، ސަޖިދަ ކުރުމާއި ދެ ސަޖިދަ ދެމެދުގައި އިށީނދެ ހުރުން ފަދަ ކަންކަމެވެ. މިކަންކަމުގެ ފައިދާތައް މުސްލިމު އަދި ޣައިރު މުސްލިމު އިލްމުވެރިންގެ ހޯދުންތަކުން ސާފުކޮށް ފެންނަން އެބަ ހުއްޓެވެ.

ނަމާދުގައި ތަކުރާރުކުރެވޭ މި ހަރަކާތްތަކަކީ އޭގެ ސަބަބުން އުނަގަނޑުގެ ރިހުންތައް ކުޑަވާ ކަމެއް ކަމުގައިވެސް ސައިސްވެރިން ވިދާޅުވެފައިވެއެވެ. އަދި ނަމާދުގެ ހަރަކާތްތަކަކީ ބައެއް ކަސްރަތުތަކާއި އެއްގޮތްކަމެއް ހުރެމެ އިންސާނާއަށް އެންމެ ފައިދާހުރި ކަސްރަތުކަންވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ބަލަނީނަމަ ކަކޫމައްޗަށް ތިރިވެ ސަޖިދައަށް ދިއުމަށް ކުރާ ހަރަކާތަކީ ސިކުނޑިއަށްވުރެ ހިތްތިރިވާ ހަމައެކަނި ވަގުތުކަމަށްވުމުން، ސިކުނޑީގެ ލޭހޮޅިތައްސާފުކޮށް ރައްކާތެރިކޮށް، ލޭދައުރުކުރުމަށް އެހީތެރިވެދެއެވެ. އަދި، ޤިޔާމާއި ރުކޫއުއާއި ސަޖިދައިގެ ސަބަބުން ހުޅުތަކުގައި ހުންނަ ވާންކަން އިތުރުވެ ބާރުގަދަވެ، ބުރަކައްޓާއި ހުޅުތަކުގައި ރިއްސުން ފަދަ ބަލިތަކުން މީހާ ދުރުކޮށް ކިޑްނީއަށް ލުއިކަމެއް ގެނެސް މީހާގެ ހަށިގަނޑާއި ހިތާއި ރޫހު ތާޒާކޮށްދެއެވެ.

އަދި މިއީ ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް އެހީތެރިވެ ކެލޮރީސް ވިރުވައިދީ، ސިކުނޑިއާއި ހިތުގެ ބަލިތަކަށްވެސް އޮތް ޝިފާއެއް ކަމަށްވެސް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރެއިން ނަފްސާނީ މައްސަލަތައް ތަހަންމަލުކުރާ މީހުންގެ އަދަދު ގިނަވެގެން ހިނގައްޖެއެވެ. އިލްމުވެރިޔާ ޑރ. އަހްމަދު ސަކްރު ވިދާޅުވެފައިވާ ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމަށް އޮތް އެންމެ މޮޅު ހައްލަކީ ސަޖިދަ ކުރުމެވެ. މިއީ ފަރުޟު ނަމާުދުތަކުގެ ކޮންމެ ރަކުއަތެއްގައި ދެ ފަހަރު ކުރަންޖެހޭ ހަރަކާތެކެވެ. މީގެ އިތުރުން ނަމާދަކީ މަޑުމައިތިރި މާހައުލެއްގައި، ދުނިޔަވީ އެކި ޙިޔާލުތަކުން އެއްކިވާބެ ހުރެ އަދާކުރަންޖެހޭ އަޅުކަމަކަށް ވީ އިރު، މިއީ އެކި ފިކުރުތަކުން ދުރުހެލިވެ ސިކުނޑި ހަމަޖައްސާލުމަށްވެސް އެހީތެރިވެދޭ ކަމެކެވެ.

ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށް ވާ އިރު ރެޔަކާއި ދުވާލު އަދާކުރަންޖެހޭ ފަސް ނަމާދުގެ އިތުރަށްވެސް ނަމާދުގެ ގިނަ ފުރުސަތުތަކެއް ހުރެއެވެ. އެގޮތުން ޢިޝާ ނަމާދަށްފަހު ކުރާ ތަރާވީޙު ނަމާދާއި ރޭގަނޑު ކުރާ ދަމުނަމާދުގައި ބައިވެރިވުމަކީ އުޚްރަވީ ހަޔާތަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއްގެ އިތުރުން ދުނިޔަވީ ހަޔާތުގައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށްވެސް އެހީތެރިވެދޭނެ ކަންކަމެވެ. އަދި ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަކީ އެ ޖަމާއަތުގެ ބައިވެރިންގެ މެދުގައި އެއްބައިވަންތަކާއި އޯގާވެރިކަމާއި އިހުތިރާމުވެސް އުފައްދައިދޭ ކަމެކެވެ.

ނަމާދުން އެކިއެކި ގޮތްތަށް ފައިދާ ލިބޭކަން ލިބޭކަން ހާމަވާން އޮތް އިރު، މި ރަމަޟާން މަހުގެ ކުރިއަށް އޮތް ދުވަސްވަރުގައި އިތުރު ހިތްވަރެއް ލައިގެން ނަމާދު ގާއިމުކޮށް، ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް އަޒުމު ކަނޑައަޅަން ހިނގާށެވެ.

ނޯޓު: ރިޔާޝް ރިޔާޒަކީ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ބަޗެލާ އޮފް ސައިންސް އިން އެކްސަސައިޒް ސައިންސް އެންޑް ނިއުޓްރިޝަން ހާސިލުކޮށްފައިވާ، އަދި ހަ އަހަރުގެ ތަޖުރިބަ ލިބިފައިވާ ސެޓިފައިޑް ނިއުޓްރިޝަނިސްޓް އަދި މާސްޓާ ޓްރެއިނާއެކެވެ. ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި 50 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން އުފައްދާފައިވާ ރިޔާޝް މަސައްކަތްކުރަނީ ފިޓްޒޯން ޖިމްގެ މެނޭޖަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް