އެމްޑީޕީ އިންތިހާބުގައި ވާދަކުރައްވަން މަހްލޫފް ނިންމަވައިފި، ވިދާޅުވީ ހުރަހެއް ނެތް ކަމަށް

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް —

ފެށޭ މަހު 29 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ނިންމަވައިފި އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއިން ނިންމި ނިންމުމެއްގައި ވާގޮތުން އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ކޮރަޕްޝަން މައްސަލަތައް ބަލާ ކޮމިޝަނުންނާއި އޭސީސީއިން ނެރުނު އެއްވެސް ލިސްޓެއްގައި ނަން ހިމެނޭ މީހަކަށް ގައުމީ މަޖިލިސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

އޭސީސީއިން އެ މައްސަލަ ތަހުގީގުކޮށް ނެރުނު ލިސްޓުގައި މަހްލޫފުގެ ނަން ހިމެނުނެވެ. އެކަމާއި ގުޅިގެން މިނިސްޓަރު ކަމުން އޭނާ ސަސްޕެންޑްވެސް ކުރި އެވެ. ނަމަވެސް ފަހުން އޭސީސީއިން ރައީސް އޮފީހަށް އަންގާފައިވަނީ މަހްލޫފްގެ މައްސަލައެއް ނެތް ކަމަށެވެ.

މަހްލޫފް މިރޭ 'ސަން' އަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއިން ނިންމި ނިންމުމާ ގުޅިގެން އެ ޕާޓީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރަން ހުރަހެއް އޮތް ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. މަހުލޫފު ވިދާޅުވީ އޭނާ އިންތިހާބުގައި ވާދަކުއްވަނީ ޕާޓީގެ ލީޑަޝިޕާއި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާވެސް އެކު ކަމަށެވެ.

"އެ ނިންމި ނިންމުމަކާ މިކަމާ ގުޅުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފް ވާދަކުރައްވަނީ މެދު އިތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. އެއީ ކ އއ އދ އަދި ވ ގެ އެމްޑީޕީ މެމްބަރުންގެ ތާއީދު ލިބިގެން އާދެވޭނެ މަގާމެކެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއިން ފާސްކުރި ކަންކަމުގެ ތެރޭގައި ޕާޓީއަށް ވަތްތާ އެއް އަހަރުނުވާ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހިމެނެ އެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ލިސްޓުގައި ނަން ހިމެނޭ މީހުންނަށްވެސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އަދި މަރު ކޮމިޝަން ތަހުގީގު ކުރި މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި ރޭޕް ކޭސްތަކުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންނަށްވެސް ވާދަ ނުކުރެވޭ ގޮތަސް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް