ދަނޑުވެރިކަން ފުޅާ ކުރުމަށް އެގްރޯނެޓް އަށް ދިން ތިން ރަށުގައި ވެސް ދަނޑުވެރިކަން ކުރާނީ، އެ އަތޮޅެއްގެ ދަނޑުވެރިންނަށް ދިގު މުއްދަތަށް ބިން ދޫކޮށްގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެގްރޯނެޓަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް 2020 އޭޕްރީލް 21 ގައި އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުނިން ކުރިއަށް ގެންދާ ދަނޑުވެރިކަމުގެ މަޝްރޫއު ހިންގުމަށް، ހއ. މުލިދޫ، ލ. ގާދޫ، އަދި ގދ. ގަން ދޫކުރާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ތިން ރަށުގެ މައުލޫމާތު ތަފާތު އެކި ގޮތް ގޮތަށް މީސްމީޑިއާގައި ދައުރުވަމުން ދާތީ އެ ކުންފުނިން މިއަދު ވަނީ އެކަންކަން ސާފުކޮށްދިނުމަށްޓަކައި ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެކުންފުނިން ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިން، މަޝްރޫއުގެ ދަށުން ދަނޑުވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިފައިވާ ކަމަށާއި ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލުތައް ހޯދައިދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އެކުންފުނިން ބުނީ، ދަނޑުވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމާއި، ދިގުމުއްދަތަކަށް ދަނޑުވެރިކަން ކުރިމަށް ބިން ލިބިފައި ނެތުން ކަމަށް ފާހަގަވެފައިވާ ކަމަށެވެ.
ނަމަވެސް، އެ ތިން ރަށުގައި ކޮންޓްރެކްޓް ފާމިން މަޝްރޫއު ފެށުމާއެކު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރެވި ކުންފުނީގެ އެހީތެރިކަމާއެކު އެކަން ކުރިއަރުވަން މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ ސަބަބުން ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމަށް ފުރުސަތު ހުޅުވި ދަނޑުވެރިކަމުގެ ނަފާ ގިނަބަޔަކަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށް ބަޔާނުގައިވެ އެވެ.
އެގްރޯނެޓުން ބުނީ މުލިދޫ، ގާދޫ އަދި ގަމުގެ ބޮޑުބައި ބޭނުންކުރެވިގެން ދާނީ ކޮންޓްރެކްޓް ފާމިން އުސޫލުން ދަނޑިވެރިކަން ކުރުމަށް ކަނޑައަޅަފައިވާ ބާވަތްތައް އުފެއްދުމަށް ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ދަނޑުވެރިކަމަށް ބިންތަކެއް ކަނޑައެޅި ދިގު މުއްދަތަކަށް ދަނޑުވެރިންނަށް ދޫކުރުމަށް ރޭވިފައިވާ ކަމަށެވެ.
ބިންތައް ދޫކުރުމުގައި އިސްކަންދޭން ނިންމާފައި ވަނީ އެ އަތޮޅެއްގެ ދަނޑުވެރިންނަށް ކަމަށާއި ވަކިން ހާއްސަކޮށް އެރަށްތަކާ ކައިރި ހިސާބުތަކުގެ ރަށްތަކުގެ ރައްޔިތުންނަށް އިސްކަން ދޭނެ ކަމަށް ބަޔާނުގައިވެ އެވެ.
ހަމައެއާއެކު އެ މަސައްކަތް ކުރުމުގައި ދަޑުވެރިންނަށް އެރަށްރަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އެރަށްރަށުގައި ތިބެވޭނެ އިންތިޒާމް ވެސް ކުންފުނީގެ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށް ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ރަށްތަކުގައި ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ ދަނޑުވެރިން ހައްދާ ބާވަތްތައް ރަށުން ގަނެ ރަށުގައި ރައްކާތެރިކަމާއެކު ޕްރޮސެސް ކުރެވިގެންދާނެ ކަމަށް ވެސް ބުންޏެވެ.
އެގްރޯނެޓުން ބުނީ އެތަކެތި ކައިރި ރަށްތަކަށާއި ރިސޯޓުތަކަށް މާކެޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނީ އެ ކުންފުނީގެ ފަރާތުން ކަމަށެވެ.
އެ ތިން ރަށުގައި ވެސް ދަނޑުވެރިކަމަށް ބޭނުންކުރާ އާލާތްތަކާއި، ގަސްކާނާ އާއި ބޭހާއި، އެހެނިހެން އިންޕުޓް ވަސީލަތްތައް ލިބޭނެ ގޮތަށް އިންތިޒާމް ކުރެވޭނެ ކަމަށާއި އަދި ދަނޑުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެގްރޯނެޓުން ބުންޏެވެ.
ވަކިން ހާއްސަކޮށް ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނުތައް ވެސް އެކުންފުނީގެ ފަރާތުން ލިބިގެންދާނެ ކަމަށާއި މިހާރު ވެސް ކުރިއަށް ގެންދާ އުސޫލުތަކާއި އެއްގޮތަށް، ކޮންޓްރެކްޓް ފާމިންގެ ދަށުން އުފައްދާ ބާވަތްތައް މާކެޓް ކުރެވޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ކޮންޓްރެކްޓް ފާމިން މަޝްރޫއުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 45 ރަށެއްގައި ކޮންޓްރެކްޓް ފާމިން ތައާރަފުކޮށް، ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަ ދެއެވެ.
އެގޮތުން މިހާތަނަށް 1،500 އަށް ވުރެ ގިނަ ދަނޑުވެރިން މަޝްރޫއުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި 400 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، 684 ފަރާތަކާ އެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގްރޯނެޓުން ބުންޏެވެ.