ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ގުރުއާން އުނގަންނައިދޭ ޕްރޮގްރާމް ފަށައިފި

ނައިބު ރައީސް ފައިސަލް ނަސީމް، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ގުރުއާން އުނގަންނައިދޭ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ/ރައީސް އޮފީސް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

މި ހަފްލާގައި ނައިބު ރައީސް ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބިޖެއްސުމަކީ މި ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި ސަރުކާރުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިން ޝާމިލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ގުރުއާން އުނގަންނައިދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް ފަހިވެގެން ދިޔަ މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގިނަ އަދަދެއްގެ ދިވެހިން އެ ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

އަލަށް ތައާރަފުކުރި މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެ ގައުމުތަކުގައި ތިބެ ގިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަށަނީ ތިން ލެވެލްއެއްގެ ކްލާސްތަކެވެ. އެއީ އަކުރު އުނގަންނައިދިނުމުގެ ކްލަސްތަކާއި، ފިލި އުނގަންނައިދިނުމުގެ ކްލާސްތަކާއި، ކަލިމަތައް އުނގަންނައިދިނުމުގެ ކްލާސްތަކެވެ.

އެ ޕްރޮގްރާމްގައި މިހާތަނަށް މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި އިންޑިއާއިން އަށް ބައިވެރިން ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.

comment ކޮމެންޓް