ރަމަޟާން މަހަށް ހާއްސަކޮށްގެން އެންޒީއިން މުޅިން އައު ހަތަރު ވައްތަރެއްގެ މަސްދަޅު ތައާރަފުކޮށްފި އެވެ.
އެންޒީއިން އެ މަސްދަޅުތައް ތައާރަފުކުރީ އެންޒީގެ ފިހާރަތަކުން އާންމުންނަށް އެ މަސްދަޅުތަކުގެ ރަހަބެލުމުގެ ފުރުސަތާވެސް އެކުގަ އެވެ.
އަލަށް ތައާރަފުކުރި މަސްދަޅުތަކުގެ ބާވަތްތަކަކީ ޓޫނާ އިން ޗިލީ ސޯސް، ޓޫނާ ސްޓީކް އިން ސަންފްލާވާ އޮއިލް، ލައިޓްލީ ސްމޯކްޑް ޓޫނާ އިން ސަންފްލާވާ އޮއިލް އަދި ވެންޓްރެސްކާ އިން ސަންފްލާވާ ތެލުގަ އެވެ.
އެ މަސްދަޅުތަކުގެ އަގުތައް މިހާރުވެސް އެންޒީއިން ވިއްކަމުންދާ މަސްދަޅުތަކާ އެއްފަދައިން ވަރަށް އަގުހެޔޮވާނެ ކަމަށް އެންޒީއިން ބުނެ އެވެ. އެގޮތުން އައު މަސްދަޅުތަކުގެ އަގު އުޅޭނީ 12 ރުފިޔާއާ 16 ރުފިޔާއާ ދެމެދުގައި ކަމަށް އެކުންފުނިން ބުނެ އެވެ.
އެންޒީގެ ހުރިހާ ފިހާރައެއްގެ އިތުރުން އެންޒީގެ ވެބްސައިޓުންވެސް އަލަށް ތައާރަފުކުރި މަސްދަޅުގެ ބާވަތްތައް ލިބެން ހުންނާނެ އެވެ.