އެއާ އެސްޓާނާ އާ ގުޅިގެން ކަޒަކިސްތާނުގައި ރާއްޖެ އިޝްތިހާރުކުރަނީ

އެއާ އެސްޓާނާގެ ފްލައިޓެއް ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ

ކަޒަކިސްތާނުގެ އެއާ އެސްޓާނާ އާއި ގުޅިގެން އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިން އިޝްތިހާރުކުރުމުގެ ކެމްޕެއިނެއް އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް އިން ފަށައިފި އެވެ.

ކަޒަކިސްތާނު މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ފާއިތުވި މަސްތަކުގެ ތެރޭގައި އިތުރުވެފައިވާއިރު މިއަހަރުގެ މިހާތަނަށް ފަސްވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ކަޒަކިސްތާނުންނެވެ. މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަޒަކިސްތާނުން 15,177 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

އެއާ އެސްޓާނާ އާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތުގައި ބީ2ބީ ސެޝަންތަކާއި ބީ2ސީ ސެޝަންތައް އަދި ފޭމްޓްރިޕް ތަކާއި ވެބިނާތައްވެސް ކުރިއަށް ގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މީގެ އިތުރުން ޑިޖިޓަލް ކެމްޕެއިންތަކާއި ޑިޖިޓަލް އަދި ރޭޑިއޯ އިޝްތިހާރުތައް މެދުވެރިކޮށް އެ ގައުމުގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.

މި ކެމްޕެއިނުގެ ދަށުން ކަޒަކިސްތާނުގެ ޓްރެވަލް އެޖެންޓުންގެ ޓީމެއް ވަނީ ފުރަތަމަ ފޭމް ޓްރިޕްގައި މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ އައިސްފަ އެވެ. އެ ޓީމުން ހަފްތާ އެއް ވަންދެން ރާއްޖޭގައި މަޑުކުރާނެއެވެ. އެގޮތުން ސިސްކް ސެންސަން ލާމު އަދި ކަނުހުރާ މޯލްޑިވްސް ގައި މަޑުކޮށް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރާނެއެވެ. ފޭމް ޓްރިޕްގެ ދެވަނަ ގްރޫޕު މި މަހުގެ 26 ގައި ރާއްޖެ އަންނައިރު އެ މީހުން ތިބޭނީ އަދާރަން ސެލެކްޓް މީދުއްޕަރުގެ އިތުރުން ވެލައްސަރު އަދި ދިގަލި މޯލްޑިވްސްގަ އެވެ.

އެއާ އެސްޓާނާ އިން ރާއްޖެ އަށް ދަތުރު ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.

comment ކޮމެންޓް