ބީއެމްއެލްގެ ޓެކް އިންޓާންޝިޕަށް 25 ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން، ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަ 25 ފުރުސަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ޒުވާން ދިވެހިންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް ބޭންކުގައި އެއް އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި މަހަކު 11،000 ރުފިޔާގެ އެލަވަންސަކާއި ރޯދަ އިނާޔަތް ލިބޭނެއެވެ. މީގެ އިތުރުން، އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ފުރުސަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ އިތުރުން، މި ދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތައް ހިމެނެއެވެ.

ބީއެމްއެލް އިން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން 60 ޕަސެންޓް ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވާ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. އަދި މި ޕްރޮގްރާމްގައި ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

comment ކޮމެންޓް