ކެނދިކުޅުދޫ އާއި ދިއްދޫގައި ޖޫނިއާ ކޮލެޖު އަޅާނެ ބަޔަކު ހޯދަނީ

ނ. ކެނދިކުޅުދޫ --- ފޮޓޯ/ ފޭސްބުކު

ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ނ. ކެނދިކުޅުދޫ އާއި ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ އއ ދެ ރަށުގައި ޖޫނިއާ ކޮލެޖެއް އެކޮމޮޑޭޝަން ބްލޮކަކާއިއެކު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އީއޯއައި ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އެ ދެ ރަށުގައި ޖޫނިއާ ކޮލެޖު އެޅުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މަޝްވަރާކުރީ ފެބުރުއަރީ މަހުގެ ފަހުކޮޅު އެވެ.

ރާއްޖޭގައި ޖޫނިއާ ކޮލެޖުތައް ހަދައި ހިންގުމުގައި އިސްކަންދޭނީ އެ ސަރަހައްދެއްގެ ސިނާއީ ދާއިރާތަކަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މުޅިން އަލަށް ޖޫނިއާ ކޮލެޖުތައް ހަދާއިރު، އެތަންތަނުގައި ކިޔަވައިދޭނެ ކަރިކިއުލަމް އުފައްދާ ރާއްޖެއަށް ބޭނުންތެރި ދާއިރާތަކުގެ މާއްދާތައް އެ ކޮލެޖްތަކުގައި ކިޔެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓަރު ހަސަން މީގެކުރިން ވިދާޅުވި އެވެ.

އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް ކަމުގައިވާ ޖަރުމަނު ވިލާތް، އިޓަލީ ވިލާތް، ފަރަންސޭސި ވިލާތް އަދި ޗައިނާ ފަދަ ގައުމުތަކުގެ ބަސްތައްވެސް ދަރިވަރުންނަށް އުނގަންނާ ދޭން ވަނީ ރާވައިފަ އެވެ.

comment ކޮމެންޓް