އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ކާމިޔާބު ކަމާ އެކު މާސްގައި ކުޑަ ހެލިކަޕްޓަރެއް ދުއްވައިފި އެވެ.
އިންޖެނުއިޓީގެ ނަން ދީފައިވާ އެ ހެލިކަޕްޓަރަކީ އިރުގެ ހަކަތަ ބޭނުންކޮށްގެން މަސައްކަތް ކުރާ އުޅަނދެކެވެ. އަދި އެ ހެލިކަޕްޓަރު 40 ސިކުންތު ވަންދެން މާސްގައި ދުއްވާލުމަކީ، ސައިންސުވެރިންގެ ކޮންޓްރޯލްގެ ދަށުން އެފަދަ އުޅަނދެއް އެހެން ގުރަހައެއްގައި އުދުއްސާލި ފުރަތަމަ ފަހަރެވެ.
ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯރެޓަރީ (ޖޭޕީއެލް)ގައި ހުންނަވާ އިންޖެނުއިޓީގެ ޕްރޮޖެކްޓް މެނޭޖަރު، މީމީ އަންގް ވިދާޅުވި ގޮތުގައި މާސްގެ ޖައްވު އުފެދިފައިވާ ގޮތުން އެ ބިމުގައި ހެލިކަޕްޓަރު ދުއްވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.
"މާސްގައި އުދުހުމަކީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި. އެއީ [މާސްގައި] ވައި ހުންނަ މިންވަރު މަދުވުމުން،" އަންގް ވިދާޅުވި އެވެ.
ނާސާއިން ބުނި ގޮތުގައި އެ ހެލިކަޕްޓަރަށް ޕްރޮގްރާމްކޮށްފައިވާ ފުރަތަމަ ދަތުރުގައި އެ އުޅަނދު އުދުހިފައި ވަނީ 10 ފޫޓު މައްޗަށެވެ. އަދި އެ އުދުހުމާ ބެހޭ މައުލޫމާތު ދުނިޔެއަށް ފޮނުވާފައި ވަނީ، ހެލިކަޕްޓަރު މާސްއަށް ގެންދިޔަ ޕާސަވިއަރެންސް އުޅަނދުންނެވެ.
ނާސާއިން ޕާސަވިއަރެންސް ލޯންޗު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެއީ މާސްގައި މީގެ ކުރިން އެއްވެސް ދިރުމެއް އުޅުނު ކަމުގެ ހެކި ހޯދަން މަސައްކަތް ކުރާ އުޅަނދެކެވެ. އެގޮތުން މާސްގައި މީގެ ތިން ބިލިއަން އަހަރު ކުރިން ފެންގަނޑެއް އޮތް ސަރަހައްދަކުން އެ އުޅަނދު ސާމްޕަލްތައް ނަގާ، މުސްތަގުބަލުގައި ދުނިޔެއަށް ފޮނުވަން ރައްކާ ކުރާނެ އެވެ.
ނާސާއިން ދަނީ މާސްއިން ސާމްޕަލްތަކެއް ދުނިޔެއަށް ގެންނަން 2026ގައި މިޝަންއެއް ލޯންޗު ކުރަން ތައްޔާރު ވަމުންނެވެ. އަދި އެ އިދާރާއިން އުއްމީދު ކުރަނީ 2030ގެ އަހަރުތަކުގައި އިންސާނުންވެސް މާސްއަށް ފޮނުވޭނެ ކަމަށެވެ.