އިއްޔެ ހަވީރު އަތަށް އަޅާލާފައިވަނިކޮށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސާފު ސީދާ، ސާދާ ޓެކްސްޓް މެސެޖެއްގައި އެމަނިކުފާނުގެ ހިތުގެ އެދުން ކަމަށްވާ ރައްޔިތުން މަޖިލީހުގެ ތެރެއިން ވެރިކަމެއް ގާއިމް ކުރައްވައި އެ ވެރިކަމުގެ ބޮޑު ވަޒީރަކަށް އެމަނިކުފާނު ވާން ބޭނުންވާ ކަމުގެ ހިތުގެ އެދުން ރަސްމީކޮށް ފާޅުކުރެއްވި އެވެ. ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަޝީދު ދޫކޮށްލެއްވި މި ކުރު މެސެޖާ އެކު ބަރުލަމާނީ ނިޒާމުގެ ބަހުސް އަނެއްކާ ވެސް ނިޔުޅި ހިނގައިގެންފި އެވެ.
ރައީސް ނަޝީދުގެ މި މެސެޖާ މެދު އަޅުގަނޑު ކުޑަކޮށް ވެސް ހައިރާނެއް ނުވެ އެވެ. ސަބަބަކީ އެއީ ކޮންމެވެސް ދުވަހަކުން މިދުވަސް އަންނާނޭކަމުގެ އެތައް ސިގްނަލެއް މިދިޔަ ދުވަސްތަކުގައި އެމަނިކުފާނު ދެއްވަމުން ގެންދިޔުމެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި "އާސްކު ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ރައީސް ސޯލިހާ އެކު މަޝްވަރާ ފައްޓަވާނެ ކަމަށް ލައިވް ޓީވީގައި ވިދާޅުވެފަ އެވެ. އެ ހިސާބުން މިއީ ނައިސް ނުދާނޭ ނުފެށި ނޯންނާނެ ބަހުސެއްކަން އަޅުގަނޑު ހުރީ ނިންމައިގެންނެވެ. ނޭނގުމެއްގައި އޮތީ އެ ބަހުސް ފެށި ހޫނުވާނެ އިރުވަރަކާއި ސާއަތެކެވެ. އެކަމަކު މިއަދު މިއީ އެއިރުވަރާއި ސާއަތު ކަމުގައި މި އޮތީވެފަ އެވެ.
ރައީސް ނަޝީދުގެ ކުޑައިރުގެ އެކުވެރިޔާ ރައީސް ސޯލިހާ އެމަނިކުފާނު ކުރައްވާ ސިޔާސީ މަސައްކަތަކާ މެދު މަޝްވަރާ ނުކުރެއްވުމަކީ ނެތް ކަމެއް ނޫނެވެ. އެކަން ހަމަ ކުރައްވަންވީ އެވެ. ނަމަވެސް އަޅުގަނޑުގެ ހިތަށް އަރާ ސުވާލަކީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އިބްރާހިމް މުހައްމަދު ސޯލިހަށް ހަގީގަތުގައި ކުރެއްވޭނެ ކަމެއް އޮންނާނެ ހެއްޔެވެ؟ އަދި ރަސްމީކޮށް އެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ދަންނަވާކަށް ނުޖެހެ އެވެ. ރާއްޖޭގެ ގާނޫނީ ނިޒާމު ރަނގަޅަށް އެގިވަޑައިގެން ހުންނެވި ރައީސް ނަޝީދަށް ވެސް ރައީސުލްޖުމްހޫރިއްޔާއަށް އެކަމުގައި ކުރެއްވޭނެ ކަމެއް ނޯންނާނެކަން އޮޅިފައި އޮންނާނެ ކަމަކަށް އަޅުގަނޑުގެ ހިތެއް އެއްގޮތަކަށް ވެސް ނުބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާލައްވާ ދެތިން ފޮޅުވަތުގެ ޓެކްސްޓް މެސެޖަކުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އެ ފުށްމިފުށަށް ޖެހުން އެއީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫނެވެ. އަދި ވެރިކަމުގެ ނިޒާމު ފުރޮޅުނު ނަމަވެސް، ބޮޑު ވަޒީރުކަން ވަކި މީހަކަށް ލިބޭނެ ގޮތަށް ފަހާ ކޯޓަކަށް ނިޒާމު ކޮށައި މަށާލުމަކީ އެތައް ގޮތަކުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުން ނޫން ދެވަނަ ދެ ކަމެއް ނޫނެވެ. އަދި މަޖިލީހަށް ލިބިފައި އޮންނަ ބާރުތައް ހުރަހަށާއި ދިގަށް މާނަކޮށްގެން އަމިއްލަ އަމިއްލައަށް މަޖިލީހުގެ ތެރެއިން ބަރުލަމާނީ ސިފަޔަށް ގާނޫނުއަސާސީ ގަޑުބަޑުކޮށްލުމަކީ ރައްޔިތުން އެ މީހުންގެ މަންދޫބުންނާ ހަވާލުކުރި ޒިންމާތަކާއި އެ ރައްޔިތުން ތަސައްވަރު ކުރި ގޮތާ މުޅީން ދިމާއިދިކޮޅެވެ. އެއީ ޑިމޮކްރަޓިކް ކަންފުޅެއް ނެތް ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ ހުތުމުހުތާރު އަމަލެކެވެ.
ބަރުލަމާނީ ނިޒާމުގެ ބަހުސް އަލުން ފަށާއިރު އެ ބަހުސް ފަށަން ޖެހެނީ މީގެ 14 އަހަރު ކުރިން ނެގި ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް އާންމުންގެ މެދުގައި ހިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ "ނިޒާމީ ވޯޓާ" ހަމައިންނެވެ. އެ ވޯޓުގައި ރައީސް ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީއިން ބަރުލަމާނީ ނިޒާމެއް ގެންނަން ކެމްޕޭން ކުރި ނަމަވެސް، ވޯޓުގެ ނަތީޖާ ނިކުތީ ރިޔާސީ ނިޒާމަކަށް ރައްޔިތުން އާ ބަސް ބުނެގެންނެވެ. ބަރުލަމާނީއަށް ރައްޔިތުން އޭރު ބުނީ ނޫނެކޭ އެވެ. އެކަމަކު، އޭރު ވެސް ރައީސް ނަޝީދާއި އެމްޑީޕީ އިން ތުހުމަތު ކުރީ އެ ވޯޓުގެ ނަތީޖާއާ ސަރުކާރުން ކުޅެ މަކަރު ހެދި ކަމަށެވެ. އެމްޑީޕީ އިން އެ ވޯޓުގައި ނަތީޖާ އޭރު ވެސް މިހާރު ވެސް ގަބޫލެއް ނުކުރެ އެވެ. އެމްޑީޕީ ރުހުނަސް ނުރުހުނަސް ގާނޫނު އަސާސީގެ މުސައްނިފުން ގާނޫނު އަސާސީ ލިޔެ ނިންމާލީ ރައްޔިތުންގެ ވޯޓުން ނަތީޖާ ދެއްކި ގޮތަށް ރިޔާސީ ނިޒާމާ އެއްގޮތަށް ބާރުތައް ތަރުތީބުކޮށްގެންނެވެ. އެއީ ވެރިކަން ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް، ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އަދި އަދުލު އިންސާފުގެ ބާރު ކޯޓުތަކަށެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލާ ނަމަ ގާނޫނު އަސާސީގައިވާ މި މަފްހޫމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ސަބަބަކީ ރިޔާސީ ނިޒާމާ ހިލާފަށް ބަރުލަމާނީ ނިޒާމު ނުވަތަ ޕާލިމަންޓްރީ ވެރިކަމުގެ ނިޒާމަކީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ވެރިކަން ހިންގުން ތަރުތީބުވާ ވެރިކަމުގެ ނިޒާމެކެވެ. ނޫނީ ވެރިކަން ހިންގުމާއި ގާނޫނު ހެދުމުގެ ބާރު ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ޖަމާވެ މަސްހުނިވެފައި އޮންނަ ވެރިކަމުގެ ނިޒާމެކެވެ. އެހެންވެ، ބަރުލަމާނީ ނިޒާމަކަށް ރާއްޖެ އަނބުރާލެވޭނޭ ގާނޫނީ މަގަކީ މިހާރު އޮތް ގާނޫނުއަސާސީގެ މުޅި އަސްލަށް ބަދަލުގެނައުމެވެ.
ގާނޫނު އަސާސީގެ 12 ވަނަ ބާބު، "ގާނޫނު އަސާސީ" އިސްލާހުކުރުމުގެ ބާބުގައިވާ ގޮތުން ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. އެކަމަކު، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު މަޖިލީހަށް ދީފައިވީ ނަމަވެސް އެއީ އިންތަކެއް ނެތި މުތުލަގަށް ދޫކޮށްލާފައިވާ ބާރެއް ނޫނެވެ. ގާނޫނު އަސާސީގެ 252 ވަނަ މާއްދާގެ ށ. އިން ސާފުވާ ގޮތުގައި ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ރައްޔިތުން މަޖިލީހުގެ އުމުރާއި ރިޔާސީ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ބިލެއް ފާސްކުރި ނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެކަމާ މެދު ނަގައިގެން ނޫނީ އެ އިސްލާހު ރައީސްއަށް ތަސްދީގު ކުރެއްވުމުގެ ބާރެއް ލިބިގެނެއްނުވެ އެވެ. ބަރުލަމާނީ ނިޒާމު ގެންނަ ނަމަ މިދެންނެވި ބާބުތަކަށް ބޮޑެތި ބަދަލުތައް ގެނެސް މުޅީން އަލުން ލިޔަން ޖެހެ އެވެ.
ގާނޫނީ ވާކީލުންގެ ނަޒަރުގައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކުރާ ނަމަ ގާނޫނު އަސާސީގެ ބާރުތައް ބެހިގެންދާ ގޮތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެއީ މުޅި ގާނޫނު އަސާސީ އޭގެ މައްޗަށް ބިނާވެފައިވާ އަސާސްތަކަށް ގެންނަން ޖެހޭ ބޮޑު ބަދަލެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ބާރު ހަނިކޮށް ބޮޑުވަޒީރުގެ މަގާމު އުފައްދައި ބޮޑު ވަޒީރުގެ ބާރުތައް ވެސް ގާނޫނު އަސާސީގައި ލިޔަން ޖެހޭތީ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ބާރުތަކުގެ ބާބު ވެސް އަލުން ލިޔަން ޖެހެ އެވެ. އެހެންކަމުން ގާނޫނީ ވަކީލުން ވިދާޅުވަނީ، ގާނޫނު އަސާސީގެ ރޫހަކީ އެފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އެނބުރި ރައްޔިތުންގެ ކައިރިއަށް ގޮސް އެ މީހުންގެ އާ ބަހެއް ހޯދުމެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ހައްގު ރައްޔިތުންގެ އަތް މަތީ އޮތްކަން ކަށަވަރުވާ އަނެއް ސަބަބަކީ ބާރުތައް ފެށެނީ އަދި ނިމެނީ ވެސް ރައްޔިތުންނާ ހަމައިން ކަމަށް ގާނޫނު އަސާސީގައި ސާފު ސީދަލަށް އޮޅުން ނާރާ ވަރަށް ލިޔެފައި އޮތުމެވެ. އަދި ގާނޫނު އަސާސީގައި ބާރުތައް ބެހޭ ގޮތް ކަނޑައެޅީ ރިޔާސީ ނިޒާމެއް ކަމަށް ސީދާ ރައްޔިތުން ނިންމުމުން އެކަމަށް ބިނާކޮށްގެންނެވެ. މިކަމުގައި އޮތް ހަމައެކަނި މަގަކީ އެކަމުގެ އަސްލަށް ރުޖޫއަވެ، ރައްޔިތުން އޭރު ނިންމި ގޮތް މިހާރު ބަދަލު ކުރާން އެ މީހުންގެ އާ ބަސް އޮތްތޯ ބެލުމެވެ. އެއީ އާންމު ބުއްދި ވެސް ގަބޫލު ކުރާ ހެޔޮ ރިވެތި އުސޫލެވެ. އެއީ މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކޮށްލައިގެން ނިންމެން އޮތް ކަމެއް ނޫނެވެ. އަދި އެއީ އެ ބޭފުޅުންނަށް ރައްޔިތުން ދީފައި އޮތް ބާރެއް ވެސް ނޫނެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލަން ބޭނުން ނަމަ ސިޔާސީ ވެރީންނަށް ވެސް އޮތް މަގަކީ އަސްލު ބާރުވެރިން ކަމަށްވާ ރައްޔިތުންގެ އަރިހަށް އައިސް އަދި އެއްފަހަރު ރައްޔިތުންގެ ބަހެއް އެކަމުގައި ހޯދުމެވެ. އަދި ރައްޔިތުން ނިންމާ ގޮތަށް އިހުތިރާމް ކުރުމެވެ. ރައީސް ނަޝީދަށް ވެސް އޮތް އެންމެ ތާހިރު ގޮތަކީ އެ މަގުން ހިންގެވުމެވެ. އެކަން ރައީސް ނަޝީދަށް ވެސް އަޅުގަނޑަށް ވުރެ މާ ބޮޑަށް ސާފުވެ ވަޑައިގަންނަވާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެހެންވީމާ، ބަރުލަމާނީ ނިޒާމެއް ގެންނާން އައްސަވާންވީ ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައެއްނޫނެވެ. ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއް ބޭނުންފުޅުވާ ނަމަ އެނބުރި ރައްޔިތުންގެ އަރިހަށް ވަޑައިގެން އެ މީހުންގެ އަރިހުގައި އެ ވާހަކަ ދަންނަވާށެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާށެވެ. ބޮޑު ވަޒީރުކަން ކިތަންމެ ބޭނުންވި ނަމަވެސް ތިޔަކަމަކީ އަދި ރައްޔިތުންގެ ރުހުމެއް ނެތި ލިބޭން އޮތް ކަމެއް ނޫނެވެ.