އެމެޒޮން އިންޑިއާ އާއެކު ރާއްޖެ އިޝްތިހާރު ކުރަނީ

އެމެޒޮން އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް ވަނީ ފަށާފައި-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އިންޑިއާގެ އެންމެ ބޮޑު އީ-ކޮމާސް ޕްލެޓްފޯމް އެމެޒޮން އިންޑިއާ އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުުމަށް ކެމްޕެއިނެއް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން އަންނަ މެއި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މި ކެމްޕެއިނުގެ ދަށުން އެމެޒޮން އިންޑިއާ ޕްލެޓްފޯމު ގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. އެމެޒޮން އިންޑިއާ އަށް ދުވާލެއްގެ މައްޗަށް 35 މިލިއަން މީހުން ޒިޔާރަތްކުރާއިރު މަހެއްގެ މައްޗަށް 310 ޔުނީކް ވިޒިޓާސް ޒިޔާރަތް ކުރެ އެވެ.

މިއީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކޮށް، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށާއި މިހާރު ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާއިން އަންނަ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

އެމެޒޮން އިންޑިއާގެ ތިން ޕޭޖެއްގައި ރާއްޖޭގެ އިޝްތިހާރު ފެންނާނެއެވެ. އެގޮތުް އެމްބީޓީއެފް، އެމެޒޮން ޕޭ އަދި ތެންކިޔު ޕޭޖުގެ ތިރިން ރާއްޖޭގެ އިޝްތިހާރު ފެންނާނެ އެވެ. މިއީ ކަަސްޓަމަރުން އެންމެ ގިނައިން ޒިޔާރަތްކުރާ ތިން ޕޭޖެވެ.

އިންޑިއާ ގައި ރާއްޖެ އިޝްތިހާރ ކުރުމަށް ތޯމަސްކުކް އިންޑިއާ އާއެކު އަދި މޭކްމައި ޓްރިޕް އާއެކުވެސް ދަނީ ކެމްޕެއިންތައް ހިންގަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރުމިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށ 342،832 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރެއިން 22.8 ޕަސެންޓު ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާ އިންނެވެ.

އިންޑިއާގެ ފިލްމީތަރިންނާއި އިންފުލުއެންސަރުންގެ މެދުގައިވެސް ރާއްޖެ އަކީ މަގުބޫލު މަންޒިލެކެވެ.

comment ކޮމެންޓް