މިޑް ޓާމް އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބެއް އެހެން ސަރުކާރަކަށް ނުލިބޭ: ރައީސް

ނިމުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ވަރުގެ ކާމިޔާބެއް، މިޑް ޓާމް އިލެކްޝަނެއްގައި އެހެން ސަރުކާރަކަށް ހޯދިފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު، އެމްޑީޕީއަށް 43 ޕަސެންޓު ގޮނޑި ކާމިޔާބުކުރެވިފައިވާ ކަމަށެވެ. އަދި ގުނުނު ވޯޓުގެ 49 ޕަސެންޓު އެމްޑީޕީއަށް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ހިތުން މިޑް ޓާމް އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބެއް އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހާސިލްކުރެވިފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މާލެ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ވަނީ ފުރަތަމަ ފަހަރަށް ގެއްލިފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ވަނީ މޭޔަރު ކަމާއެކު ކައުންސިލްގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ.

މީގެކުރިން އެމްޑީޕީން ސުޕަ މެޖޯރިޓީ ނަގާ އައްޑޫ ސިޓީ ކައުންސިލުން ވެސް އެމްޑީޕީއަށް މިފަހަރު ލިބުނީ މޭޔަރާއެކު ހަތް ގޮނޑި އެވެ. އެއާއެކު އައްޑޫއިން ވެސް އެމްޑީޕީއަށް އޮތް ސުޕަ މެޖޯރިޓީ ވަނީ ފުރަތަމަ ފަހަރަށް ގެއްލިފަ އެވެ.

އެހެން ނަމަވެސް ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގައި އެމްޑީޕީން ވަނީ ކުރި ހޯދައިފަ އެވެ. އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ތަފާތު ބޮޑުކޮށް ގިނަ ގޮނޑިތައް ހޯދީ ވެސް އެމްޑީޕީ އިންނެވެ.

މާލެ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުމާއެކު އެމްޑީޕީ އިސްލާހު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ރައީސް ވެސް ވަނީ މާލެ ސިޓީ ކައުންސިލަށް އައި ބަދަލާމެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ހުރި މައްސަލަތަކުގެ ފުނަށް ފީނައި، މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށެވެ.

ނަމަވެސް އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

comment ކޮމެންޓް