ގިނަ އަދަދެއްގެ ތެލާ އެކު ރޯވި ބޯޓު މާލެ ކައިރިއަށް އަޑިއަށް

އެނބޫދޫފަޅު ކައިރީގައި ތެޔޮބޯޓެއްގައި ރޯވެ އަނދަނީ -- ފޮޓޯ/ އަބްދުﷲ ނަޝީދު

އެނބޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 17:50 ހާއިރު ކަމަށެވެ.

ކާނި ހޮޓެލްސްގެ ވެރިޔާ، އަބްދުﷲ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯވި ބޯޓުގެ ފަޅުވެރިން ކަނޑުވެފައި ތިއްބާ އެ ހޮޓަލުގެ ލޯންޗަކުން އެމީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެމީހުން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓުގައި ތިބީ ހަތަރު މީހުން ކަމަށެވެ. އެއީ ތިން ދިވެހީންނާއި ބިދޭސީ އެކެވެ.

އަލިފާން ރޯވި ބޯޓު އަޑިއަށް ދަނީ ---

ރޯވި އިރު، ބޯޓުގައި 60،000 ލީޓަރުގެ ޑީސަލް ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ. ބޯޓުގައި ރޯވީ ތެޔޮ ބަރުކޮށްގެން، މާލެ އިން ލ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން އެ ބޯޓުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު 18:27 ގައި ބޯޓު ވަނީ އަޑިއަށް ގޮސްފަ އެވެ.

comment ކޮމެންޓް