ވޯޓުލާނެ ކަމަށް ލަފާކުރަނީ 40 ޕަސެންޓު މީހުން

އިންތިހާބުގައި ވޯޓުލުމަށް ގިނަބަޔަކު ކިޔު ހަދާފައި ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ އިންތިހާބުގައި ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 40 ޕަސެންޓު މީހުން ކަމަށް ލަފާކޮށްފި އެވެ.

އިންތިހާބާ ގުޅޭ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއަދުގެ 10:45 ހާއިރު ވޯޓުލީ 17 ޕަސެންޓު މީހުން ކަމަށެވެ. އެގޮތުން 44،026 މީހުން އެހާތަނަށް ވޯޓުލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިންތިހާބުގައި ވޯޓުލުމަށް ނިކުންނާނީ 38-40 ޕަސެންޓު މީހުން ކަމަށް ލަފާކުރާ ކަމަސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިއީ މީގެ ކުރިން ބޭއްވި އިންތިހާބުތަކާ އަޅާ ބަލާއިރު މަދު އަދަދެއް ކަމަށެވެ. ފަހަރުގައި ހަވީރު އަތަށް އަޅާއިރު ވޯޓުލާން ނިކުންނަ މީހުން މިހާތަށްވުރެ އިތުރުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އީސީގެ ރައީސް ވިދާޅުވި އެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 7:00 ގައެވެ. ހަވީރު ހަޔަކާ ހަމައަށް ވޯޓުލުން ކުރިއަށްގެންދާއިރު، ހަވީރު ފަހަކުން ހަޔަކަށް ހާއްސަ ކޮށްފައިވަނީ ކޮވިޑާ ގުޅިގެން އައިސޮލޭޝަނުގައި އަދި ކަރަންޓީނުގައި ތިބޭ މީހުންނަށެވެ.

ވޯޓުލާ ގިނަ މަރުކަޒުތަކުގައި ކިޔު ހަދާފައި ނެތެވެ. ވޯޓު ލުމަށް ހެނދުނު ވެސް ނިކުމެފައިވަނީ މަދު އަދަދެއްގެ ބަޔެކެވެ.

comment ކޮމެންޓް