ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ

އެމިރޭޓްސް ގެ ފްލައިޓެއް ވީއައިއޭގައި --- ފޮޓޯ: ސޯޝަލް މީޑިއާ

ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ ކަމަށް އެ ގައުމުގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ރެހްލެޓީ ބައި ޑަނާޓާ ޓްރެވަލް އިން ބުނެފި އެވެ.

ޔޫއޭއީގެ އެންމެ މަގުބޫލު އެއް ޓްރެވަލް ކުންފުނިން ބުނީ މިދިޔަ 2020 ވަނަ އަހަރުވެސް އެ ގައުމުގެ ފަތުރުވެރިންގެ މެދުގައި އެްމެ މަގުބޫލު މަންޒިލަކީ ރާއްޖެ ކަމަށާއި މި އަހަރުވެސް އެ ޓްރެންޑު އެގޮތަށް އޮންނާނެ ކަމަށްް ބެލެވޭ ކަމަށެވެ.

އެ ގައުމުގެ ފަތުރުވެރިންގެ 70 ޕަސެންޓަކީ އައުޓްބަންޑް ޓްރެވެލާސް ކަމަށާއި، ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި ބޮސްނިއާ އަދި ޒަންޒިބާރަކީ ވެސް ޔޫއޭއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލުތައް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ޔޫއޭއީގެ ފަތުރުވެރިންގެ ތެރޭ އެންމެ ގިނައީ ހަނީމޫނަށް ދަތުރުކުރާ މީހުންނާއި އާއިލާ އާއެކު ދަތުރުކުރާ މީހުނެވެ. ރެހްލެޓީ އިން ބުނީ ރާއްޖެ އަކީ ހަނީމޫނަށް އަންނަ މީހުންނަށާއި އާއިލާ އާއެކު ޗުއްޓީ އަށް ދަތުރުކުރާ މީހުންގެ މެދުގައިވެސް މަގުބޫލު މަންޒިލެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 2,646 ފަތުރުވެރިން ޔޫއޭއީ އިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. މިއީ 2020 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 133.7 ޕަސެންޓު އިތުރު އަދަދެކެވެ. އެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ އެއާލައިނަކީ ޔޫއޭއީގެ އެމިރޭޓްސް އެވެ. މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ އެއާލައިނުން 59,689 ފަސިންޖަރުން ރާއްޖެ އަށް އުފުލާފައި ވެއެވެ.

comment ކޮމެންޓް