ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 25 ޓަނު ކަދުރު ބަހާނީ ކޮން ބަޔަކަށްކަން އާންމުކޮށްފި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން އާންމުކޮށްފައިވާ ކަދުރު ބެހުމުގެ އުސޫލުގައި ބުނީ ކަދުރު ބަހާނީ 1441 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10،944 މީހުންނަށް ޕެކެޓެއްގެ މަގުން ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަދި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކަށްވެސް ކަދުރު ބަހާނެ ކަމަށް ބުންޏެވެ.
އެ އުސޫލުގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ފަގީރުންނަށް ކަރުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި އެހެން ސިޓީތަކުގައި ކަދުރު ބެހުން ކުރިއަށްގެންދާނީ އެ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށާއި ރަށްރަށަށް ކަދުރު ގެންދިޔުމުގެ ކަންތައް ކުރާނީ ކައުންސިލުން ކަމަށް އެ އުސޫލުގައި ބުންޏެވެ.
ކަދުރު ބަހާނީ އާންމުކޮށް އިއުލާނު ކޮށްގެން ކަމަށާއި އެ އުސޫލުގެ ދަށުން ބަހާ ކަދުރަކީ ހަމައެކަނި ސަރުކާރުން ބަހާ އެއްޗެއްގެ ގޮތުގައި ހާމަ ނުކުރުމަށް އުސޫލުގައި ވަނީ ބުނެފައެވެ.
އިސްލާމީ މަރުކަޒުގައި ކަދުރު ބަހަން ހަމަޖެހިފައިވާ ވަގުތުތައް:
- އޭޕްރީލް ހަތެއް އަދި އަށްވަނަ ދުވަހު ހެނދުނު ނުވަޔަކުން މެންދުރު ތިނަކަށް
- އޭޕްރީލް ނުވަވަނަ ދުވަހު މެންދުރު ދޭކުން ހަވީރު ހަޔަކަށް
- އޭޕްރީލް 10 އިން 12 އަށް ހެނދުނު 10 އިން ހަވީރު ހަޔަކަށް
- ރޯދަމަހުގެ ތެރޭ ކަދުރު ބަހާނީ ހެނުނު 9:30 އިން މެންދުރު 12:30 އަށް
އިސްލާމިކް އެފެއާޒް އިން ބުނީ ކަދުރު ބަހާނީ އޭޕްރީލް ހަތަކުން 29 ގެ ނިޔަލަށް ކަމަށެވެ.
ސައުދީ އިން މި އަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 25 ޓަނު (12،500 ޕެކެޓު) ގެ ކަދުރެވެ.