އުރުދުންގެ ޕްރިންސް ހަމްޒާ، ރަސްގެފާނަށް ބައިއަތު ހިއްޕަވައިފި

އުރުދުންގެ ކުރީގެ ވަލީއަހުދު ޕްރިންސް ހަމްޒާ ގޭބަންދުގައި ބެހެއްޓި ފަހުން އޭނާ ވަނީ ރަސްގެފާނަށް ބައިއަތު ހިއްޕަވާފަ -- ފޮޓޯ: ރޮއިޓާސް

އައްމާން (އޭޕްރިލް 6): އުރުދުންގެ ކުރީގެ ވަލީއަހުދު ޕްރިންސް ހަމްޒާ ބިން ހުސައިން، ރަސްގެފާނު އަބްދުﷲ ދެވަނައަށް ބައިއަތު ހިއްޕަވާފައިވާ ކަމަށް ވިދާޅުވާ ސިޓީއެއްގައި ސޮއި ކުރައްވައިފި ކަމަށް ޝާހީ ގަނޑުވަރުން ބުނެފި އެވެ.

ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޕްރިންސް ހަމްޒާ ސޮއި ކުރެއްވި ސިޓީގައި ވަނީ އުރުދުންގެ ގާނޫނު އަސާސީއަށް އަމަލު ކުރައްވާނެ ކަމަށާއި ރަސްގެފާނާއި ވަލީއަހުދަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އުރުދުންގެ ގާނޫނު އަސާސީއަށް އަޅުގަނޑު އަމަލު ކުރާނަން އަދި ރަސްގެފާނަށާއި ވަލީއަހުދަށް އަބަދުވެސް އެހީތެރިވެ، ވާގިވެރިވާނަން،" ސިޓީގައިވާ ކަމަށް ޝާހީ ގަނޑުވަރުން ބުންޏެވެ.

ރަސްގެފާނު އަބްދުﷲގެ އެއްބަފާ ކޮއްކޯފުޅެއް ކަމަށްވާ ޕްރިންސް ހަމްޒާ އެ ސިޓީގައި ސޮއި ކުރެއްވީ ޝާހީ އާއިލާގެ އެހެން ބޭފުޅުންނާ އިއްޔެ ބައްދަލު ކުރެއްވުމަށް ފަހު ގަނޑުވަރުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕްރިންސް ހަމްޒާ ވަނީ އޭނާ ގޭބަންދުގައި ބަހައްޓާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ގެއިން ބޭރަށް ވަޑައިގެންނެވުމާއި އެހެން މީހުންނާ ވާހަކަ ދެއްކެވުން މަނާކޮށްފައިވާ ކަމަށް ބީބީސީއަށް ފޮނުއްވި ވީޑިއޯއެއްގައި އޭނާ ވިދާޅުވި އެވެ. އަދި އެ ފިޔަވަޅު އެޅީ ސަރުކާރަށް ނުވަތަ ރަސްގެފާނަށް ފާޑުކީ ބައްދަލުވުމެއްގައި އޭނާ ހުންނެވުމުން ކަމަށް ޕްރިންސް ހަމްޒާ ވިދާޅުވި އެވެ.

އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހު އުރުދުންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އައިމަން ސަފާދީ ވަނީ، ގައުމުގެ ހަމަނުޖެހުން ނަގާލަން ޕްރިންސް ހަމްޒާ ބޭރުގެ ފަރާތްތަކާ ވާހަކަ ދައްކަވާ ކަމަށާއި އޭގެ ސަބަބުން އޭނާ މޮނިޓާ ކުރާތާ ދުވަސްކޮޅެއްވެއްޖެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ޕްރިންސް ހަމްޒާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަނީ ކޮރަޕްޝަނާއި ވެރިކަން ހިންގުމުގައި ހުރި މައްސަލަތަކާ ދެކޮޅަށް ވާހަކަ ދައްކަވާތީ ކަމަށް ވިދާޅުވެފަ އެވެ.

އުރުދުންގެ ކުރީގެ ރަސްގެފާނު ހުސައިންގެ ހަތަރު ވަނަ ފިރިހެން ދަރިކަލުން ކަމަށްވާ ޕްރިންސް ހަމްޒާ، 1999ގައި އެގައުމުގެ ވަލީއަހުދު ކަމަށް އައްޔަން ކުރި އެވެ. ނަމަވެސް އެ އަހަރު ރަސްގެފާނު ހުސައިން އަވަހާރަވި އިރު ޕްރިންސް ހަމްޒާ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން މާ ތަޖުރިބާ މަދު ކަމަށް ބަލާ، ތަހުތަށް އިސްވެވަޑައިގެންނެވީ ރަސްގެފާނުގެ ދޮށީ ދަރިކަލުން އަބްދުﷲ ދެވަނަ އެވެ. އަދި 2004 ވަނަ އަހަރު ރަސްގެފާނު އަބްދުﷲ ވަނީ ޕްރިންސް ހަމްޒާ ވަލީއަހުދުގެ މަގާމުން ދުރުކޮށް، އެމަގާމު އޭނާގެ ދޮށީ ދަރިކަލުންނަށް ދެއްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް