މޭޔަރުކަމަށް އަނަސް އިންތިހާބުކުރުން މަޖުބޫރު، ވިސްނުން މުރާޖައާ ކުރޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގެ މޭޔަރުކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު އިންތިހާބުކުރުން މަޖުބޫރުކަމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ "ރަށްވެހި ފަތިސް" ގަލޮޅު ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެއްވެސް ސަބަބަކާ ހެދި، އެމްޑީޕީއަށް ވޯޓު ނުދޭން ވިސްނައިގެން ތިބި އެމްޑީޕީ މެމްބަރުންނާއި ސަޕޯޓަރުންގެ ވިސްނުން މުރާޖައާކުރަން އެދިވަޑައިގެންފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އުޅެނީ މާލޭ ރައްޔިތުންނަށް ފަހި، ރީތި ދިރިއުޅުމެއް ހޯދައިދޭން ކަމަށާއި، އެކަމަށް އެމްޑީޕީގެ ކައުންސިލެއް އޮތުން މުހިންމު ކަމަށެވެ.

"އަނަސް ހޮވަން އަޅުގަނޑުމެން އެންމެން މަޖުބޫރު. އަދި އެމްޑީޕީގެ ސިޓީ ކައުންސިލެއް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެއްވެސް ސަބަބަކާ ލައިގެން، އެމްޑީޕީގެ ސަޕޯޓަރެއް ވެސް، އެމްޑީޕީގެ މެމްބަރެއް ވެސް އެހެން ގޮތަކަށް މިފަހަރު ވިސްނަވާކަމަށް ވަނީ ނަމަ، އަޅުގަނޑު ދަންނަވާނީ އަލުން އަނބުރާ މުރާޖައާ ކުރައްވާށޭ ތިބޭފުޅާ އަމިއްލަ ވިސްނުން. ވިސްނަވާށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސާވޭތަކާއި، ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކުން، މާލޭގެ ރައްޔިތުން ބޭނުންވާ ކަންކަން ސާފުވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ބޭނުންޖެހިފައި ވަނީ ބޯހިޔަވަހިކަމާ ގެދޮރަށް ކަމަށާއި، އެކަންކަމަށް އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ތަރައްގީކުރުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން އެކިއެކި ޑިޕާޓްމަންޓު އެކުލަވާލައި، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަކީ ވެސް ވަރުގަދަ ޝަހުސިއްޔަތަކަށް ހަދައި، މާލޭގެ ހުރިހާ ރައްޔިތުންނަށް އެނގޭ މީހަކަށް އެސްޖީ ހަދަން ބޭނުންވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ބޭނުންވާ އަމާޒު ހާސިލުކުރެވޭނީ ތަފާތު ބޯޑުތައް އުފެދި، އެ ބޯޑުތަކަކީ ކުރީގެ މޭޔަރުންނާއި، މާލޭގެ ކަމުވޮށިގެންވާ މީހުން މަސައްކަތް ކުރާ ބޯޑުތަކަކަށް ވެގެން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަށް ބާރުތައް ފުރޮޅުމުން، މިނިސްޓްރީތަކުގެ މަސައްކަތް މަދުވާނެ ކަމަށާއި، ލާމަރުކަޒީ ނިޒާމު ތަންފީޒުވުމުން، މިހާރު ހުރި މިނިސްޓްރީތައް ކުޑަވެ، ސަރުކާރު މާ ބޮޑަށް ކުޑަވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ރާއްޖޭގެ ހަރުމުދަލުގެ އެންމެ ބޮޑު ބަޔަކީ މާލެ ކަމަށާއި، މާލޭގެ ބިން ބޭނުންކޮށްގެން ދަރަނިވެރިވުމާ އެ ފައިސާއިން މަސައްކަތް ކުރުމަކީ ސަރުކާރަށް ވުރެ، ކައުންސިލަށް ފަސޭހަ ކަމަކަށް ވެގެންދާނެ ކަމަށެވެ.

"މާލޭގެ ބިން ބޭނުންކޮށްގެން ދަރަނިވެރިވުމާ އެ ފައިސާއިން މަސައްކަތް ކުރުމަކީ ސަރުކާރަށް ވުރެ [ކައުންސިލަށް] މާ ފަސޭހަވާނެ ކަމެއް. ސަރުކާރުގަ ހުރި ހަރު މުދަލަށް ވުރެ ގިނަ ވާނެ މާލޭގެ ހަރު މުދާ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން މަސައްކަތް ކުރަނީ އެ މަސައްކަތްތައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ފުރޮޅާލުމަށް ކަމަށާއި، އެހެންކަމުން ސަރުކާރާއި މަޖިލިސްގެ މެޖޯރިޓީ އެމްޑިީޕީއަށް ދީގެން މާބޮޑު ރާހަތެއް ނުކުރި ކަމަށް ގަބޫލުކުރާ ފަރާތްތަކުން ވެސް އެމަނިކުފާނު ދައްކަވާ ވާހަކަ އަޑުއެއްސެވުމަށް އެދިވަޑައިގަތެވެ.

"އެހެންވީމަ ކުރީގަ ސަރުކާރަށް ވޯޓު ދީފަތޯ އޮތީ، އެޖެންޑާ19 އަށް ވޯޓު ދީފަތޯ އޮތީ، ރައީސުލްޖުމްހޫރިއްޔާއަށް ވޯޓުދެއްވާފަ ތޯ އޮތީ، އެ ވޯޓުތަކުން އަޅުގަނޑުމެންނަށް މާ ބޮޑު ރާހަތަކެއް ކޮށްފަ ނުވާކަމަށް ތިބޭފުޅުން އަދި ވިދާޅުވަމުން ދިޔަކަމުގައި ވިޔަސް ވެސް، އަޅުގަނޑު ދަންނަވާނީ އަދިވެސް އަޅުގަނޑު މި ދައްކާ ވާހަކަ އަޑުއައްސަވާށޭ،"

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ކުރަން އުޅެނީ ވަކި ބާވަތެއްގެ ވަޑާމެއް ކަމަށާއި، އެއަށް އެމްޑީޕީން ކިޔައިއުޅެނީ ތާހިރު ދިރިއުޅުމެއް ކަމަށެވެ. ނަމަވެސް ތަރައްގީވެފައިވާ ސިޓީތަކުގެ މެދުން ގޯތި ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ބޮޑަށް ބޭނުންވެގެން މި އުޅެނީ ދަތުރުފަތުރު ކޮށްގެން ސިޓީގެ ސެންޓަރަށް ފަސޭހައިން އާދެވިފަ، ސިޓީގެ ސެންޓަރުން ފަސޭހައިން ރީތި ތަނަކަށް ނިދަން ދެވޭނެ ގޮތް ހޯދުން. އަޅުގަނޑު ދެންމެ ވާހަކަދައްކަވަމުން ވެސް ދަންނަވއިފިން މީ އަޅުގަނޑު ވަރަށް ބޮޑަށް ދަންނަ ކަމެކޭ. އަޅުގަނޑަށް ކުރަން އެނގޭ ކަމެކޭ. އަދި އަޅުގަނޑުމެންނަށް ވުރެ ތަޖުރިބާ ހުރި ބަޔަކު ވެސް މިކަމުގައި ނުވާނޭ. އަޅުގަނޑުމެންނަށް ވުރެ ވިސްނުން ހުރި ބައެއް ވެސް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް