ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ދާންޖެހޭނީ އަމިއްލައަށް

ވޯޓް ގުނުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރަންޓީނުގައި އަދި އައިސޮލޭޝަނުގައި ތިބޭ މީހުން ވޯޓު ލާން ދިޔުމަށް ހުއްދަ ހޯދައި ވޯޓުލާ މަރުކަޒަށް ދިޔުމަކީ އެމީހެއްގެ އަމިއްލަ ޒިންމާ އެއް ކަމުގައި ބަޔާންކޮށް ކޮވިޑް19 އާއި ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލު ކުރާނެ އުސޫލު އާންމު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި އެ އުސޫލު ބުނާގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން، އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުން ނުވީއްލޭނެ ފަރާތްތަކުގެ މައުލޫމާތު، ނަމާއި އެޑްރެސް، އައިޑީކާޑު ނަންބަރު، އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ހުރި ތަނުގެ މައުލޫމާތާއި ކަރަންޓީނު ނުވަތަ އައިސޮލޭޝަން ނިމޭނެ ތާރީހު އެނގޭނެހެން އޭޕްރީލް އަށްވަނަ ދުވަހުގެރޭގެ 8:00 ގެ ކުރިން އެޗްޕީއޭ އިން އިލެކްޝަނާ ހިއްސާ ކުރަން ޖެހެއެވެ.

އުސޫލުގައި ބުނާގޮތުން ކޮވިޑާ ގުޅިގެން އެކަހެރިކޮށްފައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން މީހުން، ވޯޓުލުން ނިންމުމަށް ކަނޑައަޅައިފައިވާ ގަޑީގެ ފަސް ގަޑިއިރު ކުރިން، އެ މީހަކު ވޯޓުލާން ބޭނުންވާކަމުގެ މައުލޫމާތު، އެޗްޕީއޭގެ ރަށު ޓާސްކްފޯސް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނުން އައްޔަނު ކޮށްފައިވާ ފޯކަލް ޕޮއިންޓަށް އަންގަންޖެހެއެވެ.

މާލެ ސަރަހަޙައްދުގައި ނަމަ، އެފަދަ މީހުންގެ މައުލޫމާތު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް އަންގާނީ، މާލޭގައި ހުންނަ އިލެކްޝަންސް ކޯޑިނޭޝަން ސެންޓަރު މެދުވެރިކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަމަށް ްއުސޫލުގައި ބުނެފައި ވެއެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓު ލެވޭނީ، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށްޓަށެވެ.

އުސޫލު ބުނާގޮތުން އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލުމަށް ފުރުސަތު ދޭނީ، އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކިޔޫ ބަންދުކުރާ ގަޑިއާ ހަމަޔަށް ކިޔޫގައި ތިބޭ މީހުން ވޯޓުލާ ނިމުމުންނެވެ.

ވޯޓުލުން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގަޑިޖެހޭއިރު، ކިޔުގައި މީހުން ތިބިނަމަ، ކިޔު ބަންދުކޮށް، ކިޔުގައި ތިބި އެންމެން ވޯޓުލާ ނިމުމުން އައިސޮލޭޝަނުގައި ތިބި މީހުންނަށާއި ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލުމަށް ފުރުސަތު ދެވޭނެ ކަމަށާއި
އައިސޮލޭޝަނުގައި ތިބި މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށް އާންމުކޮށްފައިވާހާއްސަ ގަޑިއަކީ، ހަވީރު ފަހަކުން އިން ހަޔަކަށް ކަމަށްވެސް އުސޫލުގައި ބުނެފައި ވެއެވެ. ނަމަވެސް ވޯޓުލާ މަރުކަޒަކަށް ގޮސް ކިއުގައި ތިބި މީހުން ވޯޓުލާ ނިމުމުން އެ މީހުންނަށް ފުރުސަތު ދެވޭނެ ކަމަށާއި ނަމަވެސް ކަރަންޓީނުގައި ތިބި މީހުންނާއި އައިސޮލޭޝަނުގައި ތިބި މީހުން ވޯޓުލުމުގެ ވަގުތު ހާއްސަ ކުރުމަށް އެހެން އިންތިޒާމުތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީން، އިލެކްޝަންސް ކޮމިޝަނަށް ހަމަޖެއްސިދާނެ ކަމަށް ވެސް އުސޫލު ބުނެއެވެ.

އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ވެއްދުމުގެ ކުރިން ރަނގަޅަށް ސެނިޓައިޒް ކޮށް، އޮފިޝަލުންގެ މެދުގައި ހަ ފޫޓުގެ ދުރުމިން ޔަގީން ކުރުަން ވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. އަދި އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން، ވޯޓުލާ މަރުކަޒުގައި ބޭނުންކުރާ އެއްވެސް އެއްޗެއްގައްޔާއި އެއްވެސް ތަނެއްގައި އަތްލައިގެން ނުވާނެ ކަމަށްވެސް އުސޫލު ބުނެ އެވެ.

ކައުންސިލް އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވެފައިވާއިރު އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ.

އިންތިހާބާ ގުޅޭ މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1414 އަށް ގުޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

comment ކޮމެންޓް