މުލަކާއި ހުޅުދުއްފާރު މަގުތަކުގައި ތާރުއަޅަން އާރުޑީސީއަށް

މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މ. މުލަކާއި ރ. ހުޅުދުއްފާރު މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވެލޮމްޕެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލު ކޮށްފި އެވެ.

މުލަކުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 106 މިލިއަން ރުފިޔާ އަށް، 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން މުލަކުގެ 5.8 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅައި މަގުގައި ފެންހިންދާނެ ނިޒާމު ގާއިމުކޮށް މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ހުޅުދުއްފާރުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައި ވަނީ 88 މިލިއަން ރުފިޔާ އަށް، 390 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުދުއްފާރުގެ 3.2 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރާނެ އެވެ.

މި ދެ އެއްބަސްވުމުގައިވެސް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

comment ކޮމެންޓް