ކޮސޯވޯ ގެ ރައީސްކަމަށް ޒުވާން އަންހެން ބޭފުޅެއްކަމަށްވާ ވިޔޫސާ ޢުޘްމާނީ

ކޮސޯވޯގެ އައު ރައީސާ ވިޔޫސާ ޢުޘްމާނީ

ޕްރިސްޓީނާ (އެޕްރީލް 5) : ޔޫރަޕްގެ އިސްލާމީ ގައުމެއް ކަމަށްވާ ކޮސޯވޯ ގެ ރައީސްކަމަށް 38 އަހަރުގެ އަންހެން ބޭފުޅެއްކަމަށްވާ ވިޔޫސާ އުޘްމާނީ އިންތިޚާބުކޮށްފިއެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ވިޔޫސާ ޢުޘްމާނީ، ކޮސޯވޯ ގެ ރައީސްކަމަށް އިންތިޚާބުކުރީ އެގައުމުގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ޕާލަމެންޓްގައި ނެގި ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ކޮސޯވޯގެ ޕާލަމެންޓްގައި ހިމެނޭ 82 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓު ވިޔޫސާ ޢުޘްމާނީ ހޯއްދެވިއެވެ.

މިދިޔަ ފެބްރުއަރީމަހު ކޮސޯވޯގައި ބޭއްވި އާންމު އިންތިޚާބު (ޕާލެމެންޓްރީ އިންތިޚާބު) ކާމިޔާބުކޮށް ޕާލަމެންޓް ގެ އަޣްލަބިއްޔަތު ހޯދާފައިވަނީ ވިޔޫސާ އެޕާޓީއަކަށް ނިސްބަތްވާ ވެޓެވެންޑޮސްޖޭ (ޑިމޮކްރެޓިކް ލީގް އޮފް ކޮސޯވޯ) ޕާޓިންނެވެ. ކޮސޯވޯއަކީ ބަރުލަމާނީ ނިޒާމެއް އޮންނަ ގައުމަކަށްވާތީ އެގައުމުގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުރަނީ ޕާލަމެންޓުންނެވެ. ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ.

ކޮސޯވޯގައި ވެރިކަން ކުރަނީ (ސަރުކާރު ހިންގަނީ) ރައީސާ ވިޔޫސާ އުޘްމާނީގެ ޕާޓީކަމަށްވާ ވެޓެވެންޑޮސްޖޭ ޕާޓީންކަމަށް ވެފައި ރައީސްކަމުގެ މަގާމަށްވެސް އެޕާޓީގެ ބޭފުޅެއްކަމަށްވާ ވިޔޫސާ އިންތިޚާބު ކުރުމުން އެގައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ މިއީ އިންތިޚާބީ ޚުދު މުޚްތާރު ވެރިކަމަކަށް މަގުފަހިވާނެ ކަމެއް ކަމުގެ އިންޒާރު ދީފައެވެ.

2008 ވަނައަހަރުގެ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ވުޖޫދަށް އައި ކޮސޯވޯ އަކީ އިސްލާމީ ގައުމެކެވެ. މިނިވަންކަން ލިބުމުގެ ކުރިން އެގައުމު އޮތީ ނަސާރާއިންގެ އަޣްލަބިއްޔަތު އޮންނަ ސާބިއާ ގެ ސަރަހައްދެއްގެ ގޮތުގައެވެ. ކޮސޯވޯގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 96 އިންސައްތައެވެ. ކޮސޯވޯގެ މުސްލިމުންގެ ތެރޭގައި ގިނައީ ސުންނީ މުސްލިމުންނެވެ. ނަމަވެސް ޝިޔައީންވެސް ހިމެނެއެވެ. ކޮސޯވޯގައި ދެން އެންމެ ގިނައީ ނަސާރާއިންނެވެ. ނަސާރާއިންގެ ނިސްބަތަކީ 3 އިންސައްތައެވެ. އޭގެތެރޭގައި ކެތަލިކް ނަސާރާއިންނާއި އޯތޮޑޮކްސް ނަރާސާއިން ހިމެނެއެވެ.

ކޮސޯވޯގެ ނަސާރާއިންގެ ތެރޭގައި ގިނައީ އެގައުމުގެ ބައިމަދު ސާބު ދަރިކޮޅުގެ މީހުންނެވެ. 1.8 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ކޮސޯވޯއަކީ ޔޫރަޕްގެ އިރު ދެކުނުގެ ސަރަހައްދެއްކަމަށްވާ ބަލްކަން ސަރަހައްދުގައި މެސެޑޯނިއާ ގެ އުތުރުން އޮންނަ ކުޑަ އަދި ފަގީރު ގައުމެވެ. ކޮސޯވޯގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 96 އިންސައްތަ ކަމަށް ވިޔަސް އެގައުމަކީ އިސްލާމީ އުސޫލުތަކާ އަދި އިސްލާމީ ޝަރީއާތާ ވަރަށްދުރު އިލްމާނީ ފިކުރުގެ ވެރިކަމެއްކުރާ ގައުމެކެވެ. އިސްލާމީ ދުނިޔެއަށްވުރެ ކޮސޯވޯ ގުޅެނީވެސް ހުޅަނގުގެ ގައުމުތަކާއެވެ.

ކޮސޯވޯގައި ވެރިކަންކުރާ ވެޓެވެންޑޮސްޖޭ ޕާޓީއަކީވެސް އެމެރިކާގެ މަދަދުލިބޭ ޕާޓީއެކެވެ. ކޮސޯވޯގެ ބޮޑުވަޒީރާއި ޕާލަމެންޓްގެ ރައީސް އާ އަދި ގައުމުގެ ރައީސް އަކީވެސް ވެޓެވެންޑޮސްޖޭ ޕާޓީ އަށް ނިސްބަތްވާ ބޭފުޅުންނެވެ.

ފަލަސްތީނުގެ ބިމަށް އިސްތިއްމާރީ އުސޫލުން ވެރިވެގަނެގެންއުޅޭ އިސްރާއީލަށްވެސް އެމެރިކާގެ ފިއްތުންތަކާއެކު ކޮސޯވޯއިންވަނީ އިއުތިރާފްވެފައެވެ. އަދި 2020 ވަނައަހަރު އެމެރިކާގެ ފިއްތުންތަކާއެކު ކޮސޯވޯއިންވަނީ މާތްވެގެންވާ މަސްޖިދުލްއަގްސާ އެ ރަށެއްގައި ހުންނަ ފަލަސްތީނުގެ ގުދްސަކީވެސް އިސްރާއީލުގެ ރަށެއްކަމަށް އިއުތިރާފްވެ އިސްރާއީލުގައި ހުންނަ ކޮސޯވޯގެ އެންބަސީވެސް ގުދްސަށް ބަދަލުކުރުމަށް ނިންމާފައެވެ.

ގުދްސަކީ 1967 ގެ އަރަބި އިސްރާއީލު ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަށް ނިސްބަތްވާ ރަށެކެވެ. ގުދްސަށް އެންބަސީ ބަދަލުކޮށްފައިވަނީ އެމެރިކާގެ އިތުރުން އެންމެ ދެގައުމަކުންނެވެ. އޭގެތެރެއިން އެއްގައުމަކީ ކޮސޯވޯއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް