ސްޕެއިނުން ކޮސޯވޯގެ ޕާސްޕޯޓު ބަލައިގަންނަން ނިންމައިފި

ކޮސޯވޯގެ ވެރިރަށް ޕްރިސްޓިނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު. ފޮޓޯ/އިންގްލިޝް އަރަބިއާ

ސްޕެއިނުން ކޮސޯވޯގެ ޕާސްޕޯޓު ބަލައިގަތުމަށް ނިންމައިފިއެވެ.

ސްޕެއިނަކީ ކޮސޯވޯގެ ޕާސްޕޯޓު ބަލައިނުގަތުމަށް މީގެކުރިން ނިންމައިފައިވާ ވިލާތުގެ އިއްތިހާދުގެ ފަސް ގައުމުގެ ތެރެއިން އެއް ގައުމެވެ.

ކޮސޯވޯގެ ޕާސްޕޯޓު ބަލައިގަތުމަށް ސްޕެއިނުން ނިންމީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އެ ބަދަލާއެކު ވިސާ ނެތި 90 ދުވަހުގެ މުއްދަތަކަށް ކޮސޯވޯގެ ރައްޔިތުންނަށް ޝެންގެން ޒޯނަށް ވަދެވޭނެއެވެ. ޝެންގެން ސަރަހައްދުގައި 27 ގައުމު ހިމެނެއެވެ.

ނަމަވެސް އެ ބަދަލަކީ އެއްވެސް ހާލެއްގައި ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ގެނައި ބަދަލެއް ނޫން ކަމަށް ސްޕެއިންގެ ހާރިޖީ ވަޒީރު ޖެރްވާލާ-ޝްވާޒް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ސްލޮވާކިއާ، ސައިޕްރަސް، ރޫމޭނިއާ އަދި ގްރީސް އަކީ ކޮސޯވޯ ބަލައިގަންނަ ގައުމުތަކެއްނޫނެވެ. ނަމަވެސް ވިލާތުގެ އިއްތިހާދުގެ އަނެއް 22 ގައުމުން ވަނީ ކޮސޯވޯ ޕާސްޕޯޓު ބަލައިގެންފައެވެ.

ޖުމްލަ 1.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކޮސޯވޯ ވަނީ 2008 ވަނަ އަހަރު ސާބިއާ އަތުން މިނިވަންވެފައެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި މީގެކުރިން ކޮސޯވޯ ބަލައިގެންފައި ވަނީ އެންމެ 14 ގައުމުންނެވެ. ނަމަވެސް މިހާތަނަށް 100 އަށްވުރެ ގިނަ ގައުމުން ވަނީ ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ. އޭގެތެރޭގައި އެމެރިކާވެސް ހިމެނެއެވެ. ސާބިއާއާ ގާތްގުޅުމެއް އޮންނަ ޗައިނާއާއި ރަޝިޔާއިން ކޮސޯވޯ ބަލައިގެންފައެއްނުވެއެވެ.

comment ކޮމެންޓް