ކޮވިޑާ ގުޅިގެން ގެނައި މެޑިކަލް ސިލިންޑަރުތަކުންވެސް ކުރީ "ވައްކަން"

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރު ގޭސް ކުންފުނި، މޯލްޑިވްސް ގޭސްއާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިޑަރުތަކުންވެސް "ވައްކަން" ކުރި ކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ)އިން މިހާރު ވަނީ އެ މައްސަލަ ދިރާސާކޮށް، ކޮމިޓީ ރިޕޯޓު މަޖިލީހަށް ފޮނުވާފަ އެވެ.

މޯލްޑިވްސް ގޭސްއިން ސިލިންޑަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް އެސްއޯއީ ކޮމިޓީން ތުހުމަތު ކުރެ އެވެ.

ސިލިންޑަރުތައް މޯލްވްސް ގޭސްއިން ގަތީ، އޭ އެންޑް ޖީ އިންޑަސްޓްްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޓުންނާއި ޕްރޯބިޒް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/މަޖިލިސް

ކޮމިޓީ ރިޕޯޓު ބުނާ ގޮތުން މޯލްޑިވް ގޭސް އިން އެ ދެ ކުންފުންޏަށް އޯޑަރު ދިނީ އާ ސިލިންޑަރުތައް ގަތުމަށެވެ. އެހެން ނަމަވެސް އެ ދެ ކުންފުނީގެ ފަރާތުން ފޮނުވާފައިވަނީ އާ ސިލިންޑަރުތައް ނޫންކަމަށް ކޮމިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ކަށަވަރު ވެއެވެ.

އެފަދަ ސިލިންޑަރުތައް ގެނައުމުން މޯލްޑިވް ގޭސްއަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ކޮމިޓީ ރިޕޯޓުގައި ބުނެ އެވެ.

"ރާއްޖެއަށް ގެނެސްފައިވާ އޮކްސިޖަން ސިލިންޑަރުތައް 'ހައިޑްރޮސްޓޭޓިކް' ޓެސްޓް ހެދިގެން މެނުވީ ބޭނުން ނުކުރެވޭނެ ކަމާއި، އަދި 'ހައިޑްރޮސްޓޭޓިކް' ޓެސްޓު ހެދުމަށް އެތައް ހޭދައެއް ކުރަން ޖެހިފައިވުމުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވޭ،" ކޮމިޓީ ރިޕޯޓުގައި ބުނެ އެވެ.

އެ މައްސަލައަކީ މިހާރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބަލަަމުން އަންނަ މައްސަލައެކެވެ.

ބަދަލު ހޯދުމަށް ގާނޫނީ ފިޔަވަޅު އަޅަން ލަފައެއް!

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މޯލްޑިވް ގޭސްއިން ކަންކަންކޮށްފައިވާތީވެ، ބައެއް ކަންކަން ކޮމިޓީގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

ކޮމިޓީ ރިޕޯޓުގައި ބުނީ، ކުންފުނީގެ އިންޓާނަލް އޮޑިޓް ރިޕޯޓުގައި މައިގަނޑު މައްސަލަތަކަކީ މޯލްޑިވް ގޭސްގެ ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހު ކުރެވިގެން ހައްލު ކުރެވޭނެ މައްސަލަތަކެއް ކަމަށެވެ. އެހެން ކަމުން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހު ކުރުމަށް އެ ކުންފުނީގެ ބޯޑަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ގެންނަން ލަފާދިން އިސްލާހުތަކުގެ ތެރޭގައި 100 ޕަސެންޓު އެޑްވާންސްކޮށް ފައިސާ ދެއްކުމަށް އޮންނަ އޮތުން ބަދަލު ކުރުމަށް ހިމެނުމަށް ރިޕޯޓްގައި ވަނީ ލަފާދީފަ އެވެ. އަދި އިސްލާހު ކުރުމަށް ފަހު، މިމަހު 30ގެ ކުރިން ކޮމިޓީއަށް ފޮނުވުމަށްވެސް ކޮމިޓީ ރިޕޯޓުގައި ބުނެ އެވެ،

ބާ ސިލިންޑަރުތަކެއް ގެނައުމުން އިތުރު ހަރަދެއް ކުރަން ޖެހުމުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސިލިންޑަރުތައް ގަތް ދެ ކުންފުންޏާ މަޝްވަރާކޮށް، އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްް މޯލްޑިވްސް ގޭސްއަށް އެންގުމަށް މިޓީން ފާސްކޮށްފައިވެއެވެ.

އާ މެނޭޖިން ޑިރެކްޓަރެއް އަޔަން ކުރަން ޖެހޭ!

ކޮރަޕްޝަންގެ އެހެން މައްސަލައަކާ ގުޅިގެން މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް 2019 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން އަދިވެސް ހުންނެވީ ސަސްޕެންޝަންގަ އެވެ. މެނޭޖިން ޑިރެކްޓަރެއް ނެތި ގިނަ ދުވަސްތަކެއްވެ، ކުންފުނީގެ މިސްރާބު ގެއްލިގެންދާނެތީ، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް މެނޭޖިން ޑިރެކްޓަރެއް އަައްޔަން ކުރުމަށް މޯލްޑިވްސް ގޭސްގެެ ބެލެނިވެރި ކުންފުނި އެސްޓިއޯއަށް ކޮމިޓީގެ ފަރާތުން މީގެ ކުރިންވެސް ދެންނެވުނެވެ. އެހެން ނަމަވެސް އަދިވެސް މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައި ނުވާތީވެ، އެ މަގާމަށް މީހަކު އައްޔަން ކުރުމަށް އެސްޓިއޯއަށް އަނެއްކާވެސް ދެންނެވުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ޝަޒަލްއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. އެ މައްސަލަ އަދިވެސް އެންޓި-ކޮރަޕްޝަނުން އަންނަނީ ބަލަމުންނެވެ. އަހަރުވެެން ދިޔަ އިރުވެސް އެ މައްސަލަ ބަލައި ނިމިފައިނުވާތީ، އެކަމުގެ ކަންބޮޑުވުންވެސް ރިޕޯޓޫގައި ފާހަގަކޮށްފައިވެއެވެ. ސިލިންޑަރު ކޮރަޕްޝަންގެ މައްސަލަ ހިމެނޭ ގޮތަށް އެފަދަ ހައްސާސީ މައްސަލަތަކަށް ގޮތެއް ނިންމުން އަވަސްކޮށްދިނުމަށްވެސް އޭސީސީއަށް ދެންނެވުމަށްވެސް ކޮމިޓީން ފާސްކޮށްފަ އެވެ.

އޭގެ އިތުރުން ސިލިންޑަރުތައް ގެނައުމުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވަނީ ކުންފުނީގެ ތެރެއިން ކަމަށް ތުހުމަތު ކުރެވޭތީ، ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރާއި މުވައްޒަފުން ހިމެނޭ ގޮތަށް އެމައްސަލަ ބެލުމަށް އޭސީސީއަށް ދަންނަވައި، އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ދެންނެވުމަށްވެސް ކޮމިޓީން ފާސްކުރި އެވެ.

އޭގެ އިތުރުން ޝަޒައިލްގެ ކޮރަޕްޝަންގެ މައްސަލަތަކަށް ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ މައްސަލަތައް އެންޓިކޮރަޕްޝަން ކޮމިޝަނަށް ބަލައި ނިންމިނުވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ކޮމިޓީ ރިޕޯޓުގައި ޝަޒައިލްގެ މައްސަލަ އަދިވެސް ބަަލަމުން އަންނަ ކަމަށް އޮތް ނަމަވެސް، އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން އޮތީ މީގެ ކުރިން ނިންމާފައެވެ. އަދި އޭސީސީން ފުލުހުނަށް ހުށަހެޅި ޝަޒައިލްއަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގައި ހެއްކެއް ނެތުމުން ފުލުހުން މިދިޔަ މަހު ވަނީ އެ މައްސަލަ ނިންމައި، ފައިލްކޮށްފަ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމަށް ވަނީ ތާވަލްކޮށްފަ އެވެ.

މަޖިލީހުގެ ރިޕޯޓާ ގުޅިގެން މޯލްޑިވް ގޭހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މައްސަލައަކީ މަޖިލީހުން ބަލަމުންދާ މައްސަލައަކަށް ވާތީ ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

comment ކޮމެންޓް