ރޯދަމަހަށް ހަނދު ބެލުން އާދީއްތަ ދުވަހު

ޖެނުއަރީ 2020 ގައި މާލޭ ސިނަމާލެ ބްރިޖު މަތިން ފުރިހަމަ ހަނދެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން އަންނަ އާދީއްތަ ދުވަހު ކުރިއަށް ގެންދަން ހަމަޖައްސައިފި އެވެ.

މި ހިނގާ 1442 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހަކީ 2021 އޭޕްރިލް 11 ވާ އާދީއްތަ ދުވަހެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގަ އެވެ. އަދި މެޖިސްޓްރޭޓެއް ނެތްނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާ ހިންގުމާ ހަވާލުވެ ހުރި އިސްވެރިއެއްގެ ކުރިމަތީގަ އެވެ.

އަދި 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޝައުބާން 29 (11 އޭޕްރިލް) ވާ އާދީއްތަ ދުވހަުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިއްޖެނަމަ މާލޭގައި ނަމަ ޑީޖޭއޭއަށް، ނުވަތަ ރަށެއްގައި ނަމަ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ކައުންސިލަށް ހާޒިރުވެ އެކަމުގެ މައުލޫމާތު ދިނުމަށް ޑީޖޭއޭއިން އެދެ އެވެ. އަދި ހެކިބަސް ދިނުމަށްޓަކައި އައުމާއި ދިއުމުގެ ޚަރަދު ދޭނެކަމަށްވެސް ޑީޖޭއޭއިން ބުންޏެވެ.

ހިޖުރީ ކަލަންޑަރުގައި ގުނާ ހަނދުމަހެއްގެ ދިގުމިނަކީ 29 ނުވަތަ 30 ދުވަހެވެ. ކުރިއަށް އޮތް ހަނދުމަހަށް ހަނދު ބަލާނީ ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހު އެވެ. ހިޖުރީ މަހެއް ނިމި، އާ މަހަށް ހަނދު (ނިއު މޫން) އުފެދުމުން ބަލާނީ ހިލާލް ހަނދެއް (ކްރެސެންޓް މޫން)އެއް ފެނޭތޯއެވެ. އެ ދުވަހު ހަނދު ނުފެނިއްޖެ ނަމަ އާ މަސް ގުނަން ފަށާނީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކުރުމަށްފަހު އެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމަށް އަމަލުކުރަމުން ގެންދާ އުސޫލަކީ ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ނުފެނިއްޖެނަމަ، ފަލަކީ ހިސާބުތަކަށް ބެލުމާއި، އިސްލާމީ އެހެން ގައުމުތަކުން ކުރެ ގައުމަކަށް ހަނދު ފެނިއްޖެކަމުގެ މައުލޫމާތު ބަލައި ހޯދުމެވެ. އާންމުކޮށް އެހެން ގައުމަކުން، (ހާއްސަކޮށް ސައުދީ އަރަބިއްޔާ ފަދަ އިސްލާމީ ބޮޑު ގައުމަކުން) ހަނދާ މެދު ގޮތެއް ނިންމައިފިނަމަ އެ ގައުމުން ނިންމި ގޮތަށް ރާއްޖެއިންވެސް އަމަލުކުރެ އެވެ.

comment ކޮމެންޓް