އެލްޖީ އިލެކްޓްރޯނިކްސްއިން ސްމާޓްފޯން އުފެއްދުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.
އެލްޖީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ކުންފުނިން ވަނީ ވާދަވެރިކަން ބޮޑު ވިޔަފާރިއެއް ކަމަށްވާ މޮބައިލް ފޯނު އުފެއްދުމުގެ ދާއިރާއިން ދުރަށް ޖެހި، އެ ކުންފުނީގެ އެހެން އުފެއްދުންތަކަށް އިސްކަންދޭން ނިންމާފަ އެވެ. އޭގެ ތެރޭގައި ކަރަންޓު ކާރުތަކުގައި ބޭނުންކުރާ ބައިތައް އުފައްދުމާއި އާޓިފިޝަލް އިންޓެލިޖެންސް އާއި ރޮބޯޓިކްސް ހިމެނެ އެވެ.
ސްމާޓްފޯންތަކަށް "އަލްޓްރާ-ވައިޑް އޭންގްލް" ކެމެރާ ތައާރަފް ކުރި އެލްޖީން ބުނި ގޮތުގައި އެ ކުންފުނިން ސްމާޓްފޯން އުފެއްދުން ހުއްޓާލި ނަމަވެސް މިހާރު އުފައްދާފައިވާ ފޯނުތައް ވިއްކަމުން ދާނެ އެވެ. އަދި އެ ކުންފުނީގެ ފޯނު ބޭނުން ކުރާ ފަރާތްތަކަށް ވަކި މުއްދަތެއް ވަންދެން ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ.
އެލްޖީން ލަފާ ކުރާ ގޮތުގައި އެ ކުންފުނީގެ ސްމާޓްފޯން ޑިވިޝަން ބަންދުކޮށް ނިންމޭނީ އަންނަ ޖުލައި މަހު އެވެ.
މީގެ ކުރިން ފޯން އުފެއްދުމުގައި ސެމްސަންގާ ވަރަށް ގާތުން ވާދަ ކުރި އެލްޖީގެ ސްމާޓްފޯން ޑިވިޝަންއަށް ފާއިތުވި ހަ އަހަރު ތެރޭ ވަނީ 4.5 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފަ އެވެ. އެގޮތުން މިދިޔަ އަހަރު ސެމްސަންގުން 256 މިލިއަން ފޯނު ވިއްކި އިރު އެލްޖީން ވިކިފައި ވަނީ 28 މިލިއަން ފޯނެވެ. އަދި އެކުންފުނިން ސްމާޓްފޯން ޑިވިޝަން ވިއްކާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.
އެލްޖީގެ ސްމާޓްފޯން ވިޔަފާރިއަކީ އެ ކުންފުނީގެ އެންމެ ކުޑަ ޑިވިޝަން އެވެ. އަދި އެއީ އެ ކުންފުނީގެ ރެވެނިއުގެ އެންމެ 7.4 ޕަސެންޓެވެ.
ދުނިޔޭގެ ބާޒާރުގައި ހޯމް އެޕްލަޔަންސްއާއި ޓީވީ ވިއްކުމުގައި އެލްޖީ އަދިވެސް އޮތީ ކުރީގަ އެވެ. އެގޮތުން ޓީވީގެ ވިޔަފާރީގައި ސެމްސަންގަށް ފަހު އެންމެ ކުރީގައި އުޅެނީ އެލްޖީ އެވެ.