މައިކްރޯސޮފްޓުން އޮފީސް އެޕްލިކޭޝަންތައް އަވަހަށް ހުޅުވުމަށް އާ ފީޗަރެއް ތަޢާރަފުކޮށްފިއެވެ.
"ސްޓާޓްއަޕް ބޫސްޓް"ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ފީޗާ ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ހުޅުވުމާ އެކު ބެކްގްރައުންޑްގައި މަސައްކަތްކުރަން ފަށައެވެ.
މައިކްރޯސޮފްޓް 365 މެސެޖް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، މި ފީޗާ މެދުވެރިކޮށް ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓް ފަދަ އެޕްތައް އަވަހަށް ހުޅުވުމަށް ބޭނުންވާ "ޕާފޯމަންސް އެންހޭންސްމަންޓްސް" ވިންޑޯސް ހުޅުވުމާ އެކު ލޯޑްކުރެއެވެ. މިގޮތުން، އެޕްތަކުގެ ބައިތައް މެމޮރީއަށް ލޯޑްކޮށް، އެޕް ހުޅުވަންދެން ހުއްޓިފައި ބަހައްޓައެވެ.
ނަމަވެސް، މި ފީޗާ ހުރިހާ ކޮމްޕިއުޓަރެއްގައި މަސައްކަތް ނުކުރާނެއެވެ. މި ފީޗާ ބޭނުންކުރަން މަދުވެގެން އަށް ޖީބީ ރޭމް އަދި ފަސް ޖީބީ ހުސް ޑިސްކް ސްޕޭސް ބޭނުންވެއެވެ. އަދި، އެނާޖީ ސޭވާ މޯޑް އޮންކޮށްފައި ހުންނަ ވަގުތު މި ފީޗާ އަމިއްލައަށް އޮފްވާނެއެވެ.

މިފީޗާ ބޭނުން ނޫން ފަރާތަކަށް ފަސޭހަކަމާއެކު އޮފް ކޮށްލެވޭނެ --
މި ފީޗާ ބޭނުންނުކުރަން ބޭނުންވާ ފަރާތްތަކަށް އޮފީސް ސެޓިންސްގެ އޮޕްޝަންސް > ޖެނެރަލްއިން މި ފީޗާ އޮފްކުރެވޭނެއެވެ. ނަމަވެސް، އޮފީސް އަޕްޑޭޓް ކުރުމުން މި ފީޗާ އަލުން އޮންވާނެކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.
މި ފީޗާއާ ކަމެއްގެ ގޮތުގައި ނުފެނުނަސް، މިއީ މައިކްރޯސޮފްޓުން 2021 ވަނަ އަހަރު އެޖް ބްރައުޒަރަށް ތަޢާރަފުކުރި ފީޗަރެއްގެ އާ ވާޝަނެކެވެ. އެޖް ބްރައުޒަރުގެ ސްޓާޓްއަޕް ބޫސްޓް ވެސް ވިންޑޯސް ހުޅުވުމާ އެކު ބެކްގްރައުންޑްގައި މަސައްކަތްކުރަން ފަށައެވެ.
މި ފީޗާ ތަޢާރަފުކުރަން ފަށާނީ މެއި މަހުގެ މެދު ތެރޭގައެވެ. އަދި، މަހުގެ ނިޔަލަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް މި ފީޗާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އެންމެ ފުރަތަމަ މައިކްރޯސޮފްޓް ވޯޑަށް މި ފީޗާ ތަޢާރަފުކުރުމަށް ފަހު، އެހެން އޮފީސް އެޕްތަކަށް ވެސް މި ފީޗާ ތަޢާރަފުކުރާނެއެވެ.
އޮފީސް އެޕްތައް ގިނައިން ބޭނުންކުރާ މީހުންނަށް މި ފީޗާގެ ސަބަބުން އެޕްތައް އަވަހަށް ހުޅުވޭކަން ފާހަގަކުރެވޭނެއެވެ.
މި އާ ފީޗާ ތަޢާރަފުކުރުމުގެ މަޤުޞަދަކީ އޮފީސް އެޕްތައް ހުޅުވުމަށް ހޭދަވާ ވަގުތު މަދުކޮށް، ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމެވެ.