ރާއްޖެ އިޝްތިހާރުކުރަން މަލަޔާލަމް އެކްޓަރު ޖަނާނީ

ޖަނާނީ އަޔަރު ރާއްޖޭގައި -- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ރާއްޖެ އިޝްތިހާރު ކުރުމަށް، ޓަމިލް އަދި މަލަޔާލަމް ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ސައުތު އިންޑިއާގެ އެކްޓަރު ޖަނާނީ އަޔަރު ރާއްޖެ އައިސްފި އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، ފެމިލިއަރައިޒޭޝަން ޓްރިޕްގައި ޖަނާނީ ރާއްޖެ އައިސްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި މިއަދު ޖަނާނީގެ ދަތުރު ނިންމާލާފައިވާ ކަމަށެވެ.

ޖަނާނީ ރާއްޖެ އައީ އޭނާގެ އާއިލާއާއެކު އެވެ. ހަ ދުވަހުގެ ދަތުރުގައި އެމީހުން ޗުއްޓީ ހޭދަކުރީ ދަ ރެސިޑެންސް މޯލްޑިވްސް ދިގުރަށުގަ އެވެ.

ޖަނާނީގެ ދަތުރުގައި އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް، އޭނާގެ 4.6 މިލިއަނެއްހާ ފޮލޮވަރުންނަށް ރާއްޖޭގެ ރީތިކަމާއި ރިސޯޓުގެ ތަޖުރިބާ ވަނީ ހިއްސާކޮށްފަ އެވެ.

ކޮވިޑް19 އާ ގުޅިގެން، އިންޑިއާ ފަންނާނުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މަޝްހޫރު ފަރާތްތަކުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުން އިތުރުވެ، އިންޑިއާ ފަތުރުވެރިން ދަތުރުކުރަން އެންމެ ބޭނުންވާ މަންޒިލުގެ ގޮތުގައި ރާއްޖެ ވަނީ ވެފަ އެވެ.

ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު މާޗު މަހުގެ ނިޔަލަށް 298،570 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ. ދެވަނަ އަށް ރަޝިއާ އަދި ތިންވަނަ އަށް ޔޫކްރެއިން އިންނެވެ.

comment ކޮމެންޓް