ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރުއެމްގެެ ބޭފުޅަކަށް ހައުސިން މިނިސްޓަރުކަން ދެވުމަކީ "ދަންތުރައެއް"އެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ އެމްއާރްއެމް އިން ކުށްވެރިކޮށްފި އެވެ.
ކައުންސިލް އިންތިހާބު ކެމްޕެއިންނަށް އެމްޑީޕީ މާފަންނު ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ސަރުކާރަށް ދެ އަހަރު ފުރުނު އިރުވެސް ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދި އޮތީ އެމްއާރްއެމްގެ ސަބަބުން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވައިފަ އެވެ.
އެމަނިކުފާ ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު ހައުސިން މިނިސްޓަރަކަށް ހުންނެވީ އެމްއާރުއެމްއަށް ނިސްބަތްވި މިނިސްޓަރެއް ކަމަށާއި އެ "ދަންތުރަ" އިން ސަލާމަތްވާން ދުވަސްކޮޅެއް ނެގި ކަމަށެވެ.
އެމްއާރްއެމް އިން ވަނީ މިއަދު އެވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެމްއާރްއެމްގެ ބަޔާނުގައި ބުނެފައި ވަނީ މިނިސްޓާ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓުގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރަކީ 2018 ގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
ހަމައެއާއެކު އާތިފާ އަކީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ކަމާއެކު، ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖުރިބާހުރި، ހީވާގި ބޭފުޅެއް ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ ވަޒީރަކަށް އާތިފާ އައްޔަން ކުރެއްވުމުން، މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް، ނުފޫޒުން އެއްކިބާވެ ހުންނަވައިގެން، ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވި ކަމަށް އެމްއާރުއެމްއެމްއިން ބުންޏެވެ.
ހަމައެއާއެކު ނޮވެމްބަރު 2018 ގައި މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ހިނގާދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އާތިފާގެ ސީދާ ބެއްލެވުމުގެ ދަށުން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާ ކަމަށް ވެސް އެމްއާރްއެމް އިން ބުންޏެވެ.
"ޒަމާންތަކެއް ވަންދެން ނުހެދި ހުރި، ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި، އެއްމެދު އިމާރާތްތަކާ ބެހޭ ގާނޫނުގެ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވާފައި ވެއެވެ. އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވި އެވެ. މީގެއިތުރުން، ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓު ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ހިޔާލު ހޯއްދެވިކަންވެސް ފާހަގަކޮށްލަމެވެ." ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ރައްޔިތުންނަށް ފްލެޓް ދިނުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތް ތަކުގައި ވެސް އާތިފާ އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވިކަމީ މިސަރުކާރުގެ އެންމެ އިސް ބޭފުޅުން ދަންނާނެ ހަގީގަތެއް ކަމަށް ވެސް އެމްއާރްއެމް އިން ބުންޏެވެ.
މިނިސްޓަރު އާތިފާގެ މިޖާޒުގައި ހުންނަ އޯގާތެރިކަމާއި މީހުންނާ ބަހައްޓަވައި ގާތްކަން އޭނާގެ ވަޒީރުކަމުގައި ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔަ ކަމަށާއި ގެދޮރުގެ ދަތިކަން ތަހައްމަލު ކުރަމުން ގެންދާ ވަކިވަކި ފަރުދުންނާއި ރައްރަށުގެ ކައުންސިލް ތަކުން އާތިފަގެ އަރިހަށް ހުށަހެޅުމުންދިޔަ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދެވި ކަމަށް ބަޔާނުގައިވެ އެވެ.
ފޯނުންގުޅާ ފަރާތްތަކަށް ވަގުތުން ޖަވާބު ނުދެވުނު ނަމަވެސް ފަހުން އެފަރާތްތަކާ ގުޅުއްވުމަކީ އާތިފާ އާދަވެގެން ކުރެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.
"ކަންމިހެން އޮތްއިރު، ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ އިސްބޭފުޅުން އިތުރުފުޅު ހައްދަވައިގެން ވާހަކަފުޅުދެއްކެވުމަކީ މިޕާޓީންނާއި ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް މިޕާޓީން ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
ހަމައެއާއެކު އެ ޕާޓީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައީސްގެ އިރުޝާދާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައިވާ ކަންކަން އިހުލާސްތެރި ކަމާއެކު ތަންފީޒު ކުރުމުގައި ކަމަށް ބުނެފައިވެ އެވެ. އަދި ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އެމްއާރްއެމް އިން ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.