އިންޑޮނޭޝިއާއަށް ވެއްޓުނު ސްރީވިޖަޔާ އެޔާ ބޯޓުގެ ކޮކްޕިޓް ވޮއިސް ރިކޯޑަރު ފެނިއްޖެ

މިދިޔަ ޖެނުއަރީ މަހުގެ ނުވައެއްގައި ވެއްޓުނު ސްރީވިޖަޔާ އެޔާގެ ބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު ވަނީ ހޯދާފަ -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (މާޗް 31): އިންޑޮނޭޝިއާގެ ޖާވާ ކަނޑަށް މިދިޔަ ޖެނުއަރީ މަހު ވެއްޓުނު އެގައުމުގެ ސްރީވިޖަޔާ އެޔާގެ މަތިންދާބޯޓުގެ ކޮކްޕިޓުގައި ހުރި ވޮއިސް ރިކޯޑަރު ކަނޑު އަޑިން ފެނިއްޖެ އެވެ.

އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ސްރިވިޖަޔާ އެޔާގެ ފްލައިޓް އެސްޖޭ182ގެ ކޮކްޕިޓް ވޮއިސް ރިކޯޑަރު ފެނުނީ މިއަދު އެވެ. އަދި އޭގެ ބައިތަކެއް މީގެ ކުރިން ފެނުނު ނަމަވެސް އޭގެ "މެމޮރީ ޔުނިޓް" ފެނުނީ އަދި ކިރިޔާ އެވެ.

އެ ރެކޯޑަރު މިހާރު އޮތް ހާލަތާ ބެހޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ވަކި އެއްޗެކޭ ނުބުނެ އެވެ. ނަމަވެސް އޭގައި ހުރި މައުލޫމާތު ހޯދިއްޖެ ނަމަ، ބޯޓު ވެއްޓެމުން ދިޔަ އިރު ޕައިލެޓުން އެޅި ފިޔަވަޅުތައް އެނގިގެންދާނެ އެވެ.

ސްރިވިޖަޔާ އެޔާގެ ބޯޓު މިދިޔަ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ޖަކާޓާއިން އެގައުމުގެ ބޯނިއޯގައި އޮންނަ ޕޮންޓިއަނަކްއަށް ދާން ދަތުރު ފަށަން ހަމަޖެހިފައި އޮތީ އެގައުމުގެ ގަޑިން 13:40ގަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ފްލައިޓު ނައްޓާލީ 14:36ގަ އެވެ. އަދި 14:40ގައި އެ ބޯޓާ ގުޅުން ކެނޑި، ގެއްލުނެވެ.

ފްލައިޓްރޭޑާ24ގައިވާ ގޮތުން އެ ބޯޓު ގެއްލުމުގެ ކުރިން އެއް މިނިޓު ތެރޭ 10،000 ފޫޓު ތިރިއަށް ވެއްޓުނެވެ. އަދި ބޯޓު ގެއްލުނީ ޖަކާޓާގެ ސުކަރްނޯ ހަތާ އިންޓަނޭޝަނަލް އެއާޕޯޓުގެ އުތުރުން 11 ނޯޓިކަލް މޭލު ދުރުންނެވެ. އެ ހާދިސާގައި ބޯޓުގައި ތިބި އެންމެން (62 މީހުން) މަރުވި އެވެ.

އެ ހާދިސާ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޓަރުން ލަފާ ކުރައްވާ ގޮތުގައި ބޯޓު ވެއްޓުނީ އިންޖީން މައްސަލައެއް ޖެހިގެންނެވެ.

ބީބީސީން ރިޕޯޓު ކުރި ގޮތުގައި އެ ބޯޓުގެ ރެޖިސްޓްރޭޝަން މައުލޫމާތުގައިވާ ގޮތުން އެއީ 27 އަހަރުވެފައިވާ، ބޯއިން 737-500 މަރުކާގެ ބޯޓެކެވެ. އަދި އެއީ 2018 އާއި 2019 ވަނަ އަހަރު ވެއްޓުނު ބޯއިން 737 މެކްސް މަރުކާގެ ބޯޓުތަކަށް ވުރެ ޒަމާންވީ މޮޑެލްއެކެވެ.

ބޯއިން 737 މެކްސް މަރުކާގެ ބޯޓުތަކުގެ ތެރެއިން 2018އިގައި ވެއްޓުނީ އިންޑޮނޭޝިއާގެ ލަޔަން އެއާގެ ބޯޓެކެވެ. އެބޯޓުގައި 189 މީހަކު ތިއްބެވެ. އަދި އޭގެ ފަސް މަސް ފަހުން ވެއްޓުނު އެ މަރުކާގެ ބޯޓަކީ އިތިއޯޕިއަން އެއާލައިންސްގެ، 157 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ.

comment ކޮމެންޓް