ކަރަންޓު ބިލުތަކެއް ނުދެއްކި ކަމަށް ބުނެ، ށ. ބިލެއްފަހީ ކައުންސިލްގެ ރައީސް، އަބްދުﷲ ޒިޔާދު ސަސްޕެންޑު ކޮށްފި އެވެ.
ޕީޕީއެމްގެ ކައުންސިލަރު ޒިޔާދު މިރޭ "ސަން" އަށް ވިދާޅުވީ މިރޭ 7:30 އެހައިކަންހާއިރު ލޯކަލް ގަވަމެންޓް އޮތޯރިޓީ އިން ގުޅައި އީމެއިލް އެޑްރެސް ދޭން ބުނުމުން ދީފައިވާނެ ކަމަށާއި، އޭގެ ފަނަރަ ވަރަކަށް މިނެޓު ފަހުން އޭނާ ސަސްޕެންޑު ކުރި ކަމުގެ ސިޓީ ލިބުނު ކަމަށެވެ.
އޭނާ ސަސްޕެންޑު ކުރީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި މަގުބައްތި ތަކުގެ ކަރަންޓު ބިލު ގިނަ ދުވަސްތަކެއް ވަންދެން ދައްކާފައި ނުވާތީ، އެތަންތަނުން ކަރަންޓު ކަނޑާނެ ކަމުގެ ނޯޓިސް ފެނަކައިން ދީފައިވާ ކަމަށް ބުނެ އެވެ.
ނަމަވެސް ޒިޔާދު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.
"އެހެން ނަމަވެސް އަޅުގަނޑު އޮފީހުން ހުންނާނީ މި މަހުގެ 27 ވަނަ ދުވަހު ދައްކަން ހުރި ބިލުތަކެއް ދައްކާފަ. ނަމަވެސް އަޅުގަނޑު ސަސްޕެންޑު ކުރި އިރު މައްސަލައަކަށް ލިޔެފަ އޮތީ ފެނަކައަށް ދައްކަންޖެހޭ ބިލުތަކެއް ނުދައްކައިގެން ކަރަންޓު ކަނޑާލަފާނެތީ އޭ،" އޭނާ ވިދާޅުވި އެވެ.
އެލްޖީއޭ އިން އޭނާއަށް އެޅި ފިޔަވަޅަކީ ސިޔާސީ ނުފޫޒުގެ ސަބަބުން އެޅި ފިޔަވަޅެއް ކަމަށް ޒިޔާދު ތުހުމަތުކުރެއްވި އެވެ.
"ހަގީގަތުގައި އަޅުގަނޑު މި އިންތިހާބުގައި ވާދަކުރާތީ، އިންތިހާބުން ބަލިކުރަން ސަރުކާރުން ސިޔާސީ ގޮތުން ހިންގާ ޖަރީމާއެއް އަޅުގަނޑު ކެރިގެން މި ދަންނަވަނީ ދައްކަންޖެހޭ ހުރިހާ ބިލުތަކެއް ހުންނާނީ ދައްކާފަ،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ށ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކުން ނުދައްކާ ހުރި ބައިވަރު ބިލުތައް އެބަހުރި ކަމަށާއި ކޮންމެ ރަށެއްގައި ވެސް ހަތަރު ފަސް ލައްކަ ރުފިޔާގެ ބިލު ނުދައްކާ ހުންނާނެ ކަމަށެވެ.
"އެހެން ނަމަވެސް އެރަށްރަށުން ވެސް ފެނަކައިން ކަރަންޓު ކަނޑާލާނެކަން ވެސް އެންގި. ބިލުތައް ދައްކަން ވެސް އެންގި. އެހެން ނަމަވެސް ހުރީ ނުދައްކާ. އަޅުގަނޑު މީ 28ގެ ކުރިން ދައްކާށޭ ބުނީމަ ހުރިހާ ބިލުތަކެއް ދެއްކި މީހާ. ދެއްކީމަ ވެސް އަޅުގަނޑު ސަސްޕެންޑު ކުރީ،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ އެލްޖީއޭ ހިނގަމުންދަނީ އިންސާފުވެރިކަމާ އެކުގައި ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އިންސާފުވެރިކޮށް ހިނގާނަމަ އޭނައަށް އެ ފިޔަވަޅު ނާޅާނެ ކަމަށެވެ.
"އެލްޖީއޭ އަކީ އެމްޑީޕީގެ ޕްރޮޕަގެންޑާ، އެމްޑީޕީގެ އާރާބާރު ހިންގާ ތަނެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިއަދު އަޅުގަނޑާ ދޭތެރޭ މި ފިޔަވަޅު އަޅަން މިޖެހެނީ ބައެއްގެ ނުފޫޒުން އެލްޖީއޭ އަށް އިތުރު ގޮތެއް ނެތިގެން،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ އެލްޖީއޭގެ ނުފޫޒުން އެއްކިބާވެގެން، ކައުންސިލްތަކަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ޒިޔާދަކީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރެކެވެ. އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ބިލެއްފަހީ ކައުންސިލްގެ ރައީސް ކަމަށް އެ ޕާޓީގެ ޓިކެޓުގައި ޒިޔާދު ވާދަކުރައްވަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެލްޖީއޭ އިން ކައުންސިލަރުން ސަސްޕެންޑު ކުރުމުން އެއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ އެމްޑީޕީން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.